ރާއްޖޭގެ ޕެންޝަން ސްކީމް އޮތީ އެންމެ އިންސާފުވެރިކޮށް ނޫން ކަމަށް ބުނެ އެކަން ހައްލުކޮށްދިނުމަށް އެދި މޯލްޑިވްސް ނެޝެނަލް ޕާޓީ (އެމްއެންޕީ) އިން ރައީސް އޮފީހަށް ޕސިޓީއެއް ހުށަހަޅައިފިއެވެ.
މި މައްސަލަ އެ ޕާޓީގެ ފަރާތުން މަޖިލީހަށް ވެސް ހުށަހެޅި އެވެ. އެކަމަކު އެކަމާ ގުޅޭގޮތުން ބަހުސް ވެސް ކޮށްނުލާ އެ މައްސަލަ ވަނީ މަޖިލީހުގެ ތަޅުމުން ބޭރުކޮށްލާފައެވެ.
އެ ޕާޓީގެ ފަރާތުން މެމްބަރު އަބްދުﷲ ރިޔާޒް އެ މައްސަލަ ހުށަހެޅުއްވި ނަމަވެސް އޭރު މައްސަލަ ހުށަހެޅީ ގާނޫނު އިސްލާހުކުރާނެ ބިލެއްގެ ގޮތުގައެއް ނޫނެވެ. މާލިއްޔަތާ ގުޅުން ހުރި މިފަދަ ކަންކަމުގެ ބިލު މަޖިލީހަށް ހުށަހެޅެނީ ސަރުކާރަށް އެކަންޏެވެ. މި މައްސަލަ ރައީސްގެ ސަމާލުކަމަށް އެ ޕާޓީން ގެނެސްފައި މިވަނީ އެހެންވެއެވެ.
އެ ޕާޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޕެންޝަން ސްކީމް އޮންނަ ގޮތް ރަނގަޅުކުރުމަށް އެދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެއް ހުށަހަޅާފައިވާ ކަމަށެވެ. ޕާޓީން ބުނީ ޕެންޝަންގެ ގާނޫނާ ގުޅޭ ގޮތުން އެ ޕާޓީން ކޮށްފައިވާ ދިރާސާއަކުން ދައްކާގޮތުގައި ގާނޫނު ވުޖޫދުވެ ތަންފީޒުކުރެވެން ފެށިގެން މިއަދާއި ހަމަޔަށް ގާނޫނުގެ މަގްސަދުތަކާއި ލާޒިމްކޮށްފައިވާ ޒިންމާތަކާއި ގާނޫނުން ކަނޑައަޅާފައިވާ ކަންކަން އެންމެ އެދެވޭ ގޮތެއްގައި ބައެއް ޕެންޝަންގެ ހައްގުވެރިންނަށް ލިބިދެމުން ނުދެއެވެ.
ޅައުމުރުން ފެށިގެން އެތަކެއް އަހަރުތަކެއް ވަންދެން ދައުލަތަށް ހިދުމަތްކޮށްފައިވާ މީހާއަށް ސަރުކާރުން އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ދޭ އަދަދާއި މުޖުތަމައަށް ގެއްލުންވާހެން އުމުރުގެ ބޮޑުބައި ހޭދަކުރި މީހާއާ އެއްވެސް ތަފާތެއް ނެތް ފަދައިން ޕެންޝަން ދިނުމަކީ އެންމެ އިންސާފުވެރި ގޮތެއް ކަމަށް ނުދެކޭ ކަމަށްވެސް ބުނެފައިވެއެވެ.
އެ ޕާޓީން ބުނީ ދައުލަތަށް ހިދުމަތް ކުރުމަށްފަހު 'ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނު' ވުޖޫދަށް އައުމުގެ ކުރިން ހިދުމަތުން އެއްފަރާތަށް ވަޑައިގެންނެވި ބޭފުޅުންނަށް އޯލްޑް-އޭޖް ޕެންޝަންގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް ފައިސާ ދިނުމަށް އޮތް ހުރަހަކީ އެކަމަށް ހިނގާނެ ބޮޑު ހޭދަ ކަމަށް ޕެންޝަން އޮފީހުން މައުލޫމާތު ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ އަސްލެއްގެ މައްޗަށް ދެކެވޭ ވާހަކަ އެއް ކަމަށް މި ޕާޓީއަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!