ވ. އާރަށް މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުން މިއަދު ހެކިބަސް ނަގަން ފަށައިފި އެވެ.
ޔާމީންގެ މައްޗަށް ދައުލަތުން ރިޝްވަތު ދިނުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އާރަށް ކުއްޔަށް ދީގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުކޮށް އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އަދި ރިޝްވަތު ދިން ކަމަށް ތުހުމަތު ކުރަނީ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ފުރަތަމަ ހެކިބަސް ނެގީ އެ މައްސަލާގައި މޮބައިލް ފޮރެންސިކް ރިޕޯޓް ހެދި ފުލުސް މީހެއްގެ އެވެ. އޭނާ ބުނިގޮތުގައި ތިން ފޯނަކުން ނަގާފައިވާ ޑޭޓާތަކެއް ޕެންޑްރައިވަކަށް އަޅާފައި އޭނާއާ ހަވާލުކުރީ ވަކި ނަމްބަރަކުން ކޮށްފައިވާ މެސެޖްތަކާއި މުއާމަލާތްތައް ހޯދުމަށެވެ.
އެއީ ކާކު ކަމެއް އޭނާ ނުބުނެ އެވެ. އަދި ފެނުނު މެސެޖްތަކުގެ ތަފްސީލުތަކެއް ވެސް އޭނާ ނުދެ އެވެ. އެކަމާ ގުޅިގެން އޭނާއާ ސުވާލު ކުރުމުން އެ ފުލުސް މީހާ ބުނީ މެސެޖްތަކުގައި ހުރި ވާހަކަތައް ބަލާނީ ތަހުގީގުކުރާ ފުލުހުން ކަމަށާއި އޭނާގެ ދައުރަކީ މެސެޖްތައް ހޯދުމަށްފަހު ހަވާލުކުރުން ކަމަށެވެ.
މިއަދު ހަވީރު ފެށި ޝަރީއަތް މިރެއާ ހަމައަށް ދެމިގެން ދިޔައިރު، އިތުރު ހެކިވެރިއެއްގެ ހެކިބަސް ނަގަން ހަމަޖައްސާފައި އޮތަސް، ފުލުސް މީހާއާ ސުވާލު ކުރުމުގައި ދިގު ދެމިގެން ދިއުމުން ކްރިމިނަލް ކޯޓުން ނިންމީ ދެން ހުރި ހެކިވެރިޔާގެ ބަސް އެހެން ދުވަހަކު ނެގުމަށެވެ.
ފުލުސް މީހާއާ ދިފާއީ ވަކީލުން ގިނައިން ސުވާލުކުރީ އޭނާގެ ތައުލީމާއި ތަޖްރިބާއާ ބެހޭގޮތުންނެވެ.
އެ މައްސަލާގެ ޝަރީއަތް ކޯޓުގެ ޔޫޓިއުބް ޗެނަލުން ލައިވްކޮށް ދައްކަނިކޮށް ކޯޓުގެ ހުއްދަ ނެތި ބައެއް ޓީވީތަކުން އެ ޝަރީއަތް ލައިވްކުރަން ފެށުމުން އެކަން ހުއްޓާލަން އެ މައްސަލަ ބައްލަވާ އިސްގާޒީ އަހުމަދު ޝަކީލް އެންގެވި އެވެ.
އެކަމާ ޔާމީންގެ ވަކީލުން ޝަކުވާ ކުރެއްވިޔަސް، އިސްގާޒީ ޝަކީލް ވިދާޅުވި ކޯޓުގެ ހުއްދަ ނެތި ލައިވް ފީޑް ރީބްރޯޑްކާސްޓް ނުކުރެވޭނެ ކަމަށެވެ. އެއީ ރީބްރޯޑްކާސްޓް ކުރުމުގެ ގަވާއިދުގެ ދަށުން ވެސް މަނާ ކަމެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!