ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓް ސަރަހައްދުގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއް ކަވަރު ކުރަން ހުރި "ވޮއިސް"ގެ ޗީފް އެޑިޓަރ ޝަފްރާޒް އަހްމަދު ހުސެއިން އަށް ސިފައިންގެ ބޭކަލަކު އިންޒީރު ދިން މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އެ ސަރަހައްދުގައި ހުރެ ޝަފްރާޒު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، ރޭ ހިޔާ ސަރަހައްދުގައި އޮތް ރަސްމިއްޔާތު ކުރިއަށް ދިޔަ އިރު، އެސަރަހައްދަށް އެއްވެފައި ތިބި އާއްމުން ކައިރީގައި އޭނާ ހުއްޓާ ސިފައިން އައިސް "މި ޅ* ހޭއަރުވާލަން ޖެހޭ." ކަމަށް ބުނެ ވަނީ އިންޒާރު ދީފައިވާކަމަށާއި އަދި އެވަގުތު ނޫސްވެރިއެއްކަން އަންގައިދޭ ކާޑް ދެއްކުމުން ވެސް ސިފައިން އޭނާގެ ފޮޓޯ ނަގައި އޭނާ އަށް ތަކުރާރުކޮށް އިންޒާރު ދިން ކަމަށް ޝަފްރާޒް ބުންޏެވެ.

Ad
rt

އަދި އެ ސިފައިންގެ މީހާ ޝަފްރާޒް އަށް އިންޒާރު ދިނީ އެ ސަރަހައްދުގައި ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އިސްތިއުފާ އަަށާއި ހިޔާ ފުލެޓުތަކުގެ ކުލި ކުޑަ ކުރަން ގޮވަން ގޮސް ތިބި މީހުންގެ ފޮޓޯ ނެގުމުން ކަމަށްވެސް އޭނާ ބުނެއެވެ.

މިއީ ސިފައިންގެ މީހަކު މިފަދައިން ނޫސްވެރި އަކަށް އިންޒާރުދިން ފުރަތަމަ ފަހަރު ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ. މީގެ މަހެއްހާ ދުވަސް ކުރިން ވެސް "އިންޑިއާ އައުޓް" ހަރަކާތް ކަވަރު ކުރަމުން ދިޔަ ނޫސްވެރިން ތަކަކަށް ފުލުހަކު ވަނީ މިފަދައިން "ހޭ އަރުވާލާނެ" ކަމަށް ބުނެ އިންޒާރު ދީފައެވެ.

މިކަމާއި ގުޅިގެން އާންމުންގެ އެކުވެރި ގުޅުން ޖަމިއްޔާއިންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ޝަފްރާޒް އަކީ އެޖަމިއްޔާގައިވެސް އިސްކޮން ހަރަކާތްތެރިކަވަމުން އަންނަ ފަރާތެކެވެ.

އެޖަމިއްޔާއިން ބުނެފައިވަނީ، އާންމު އެތައް ބައެއް ކުރިމަތީ ދިވެހި ސިފައިންގެ ބޭކަލަކު މިފަދަ މުޑުދާރު ގޮތަކަށް ނޫސްވެރިއެއްގެ ނޫސްވެރިކަން ކުރުމުގެ ހައްގައި އަރައި، މަގުމަތީ ބަހުރުވައިން ބިރު ދައްކައި، ގަނާކޮށް، ދުއްވާލާނެ ކަމުގެ އިންޒާރު ދިނުމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އޭގެ އިތުރުން މިފަދަ އިންޒާރެއް ދިނުން އެއީ ގާނޫނާއި ގަވައިދުތައް ތަންދޭ ކަމެއްވެސް ނޫންކަމަށެވެ.