އަންނަ ޖުލައި މަހުގެ ނިޔަލަށް އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ލާމު އަތޮޅުގެ ރައްޔިތުންނަށް މުޅިން އާ ބާސްތަކެއްގެ ހިދުމަތް ލިބިގެންދާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބަސް ދަތިރުތައް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ. އާޒިމް ވިދާޅުވީ އެމްޓީސީސީން މަސައްކަތް ކުރަމުންދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ރައްޔިތުންނަށް ޒަމާނީ ދަތުރުފަތުރުގެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކަމަށެވެ. އެގޮތުން އެމްޓީސީސީން ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެނީ އެ ހިދުމަތް ލިބިގަންނަ މީހުންނަށް ތަކުލީފަކަށް ނުވާނެ ގޮތަކަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމްޓީސީސީން މިހާރު ކުރަމުން އަންނަނީ ބަސް ދަތުރުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ މަސައްކަތް ކަމަށެވެ. އެގޮތުން އައްޑޫ ސިޓީގައާއި ފުވައްމުލަކު ސިޓީ އަދި ލާމު އަތޮޅުގައި ވެސް އަންނަ ޖުލައި މަހުގެ ނިޔަލަށް މުޅިން އާ ބަސްތަކެއްގެ ހިދުމަތްތަކެއް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ ކުރީގެ ހުރިހާ ސަރުކާރުންތަކުން ވެސް ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދިން ކަމަށާއި ނަމަވެސް އެ ހިދުމަތް ލިބިގަންނަ ފަރާތަކާއި ހިދުމަތް ދޭ ފަރާތްތަކަށް އެއިރު ދިޔައީ ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
"ކުރިން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް އެކި ސަރުކާރުތަކުން އެކި ކަންކޮޅުތަކުގައި ހިންގަމުން ދިޔައިރު، އަބަދުވެސް އަންގަމުންދިޔައީ އެއްވެސް އިންތިޒާމެއް ހަމަނުޖެހި ތަރުތީބެއްނެތި މިވެނި ތަނެއްގާ މިވެނި ގޮތެއްގާ މިވެނި އެވެނިކަމެއް ކުރަން، އެއީ މާސްޓާ ޕްލޭނެއްނެތި ކުރެވެމުންދިޔަ ކަމެއް،"
އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ، މާސްޓާޕްލޭނަކާއެކީ ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށް ދިނުމުގެ މަސައްކަތް ފަށާފައިވަނީ މި ސަރުކާރުން ކަމަށާއި މި ސަރުކާރުން މަސައްކަތް ފަށާފައިވަނީ ކުރަންޖެހޭ ހުރިހާ ފަންނީ މަސައްކަތެއް ފުރިހަމަކުރުމަށްފަހު ކަމަށެވެ. އެގޮތުން ބަސްތައް ބަހައްޓާނެ ބިމާއި އެތަކެތި މަރާމާތު ކުރެވޭނެ އިންތިޒާމު މި ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!