އެކި ދާއިރާތަކުން ދިރާސާތައް ކުރަން މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި ވިލާ ކޮލެޖާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެމްޑަބްލިއުއެސްސީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ ހަސަން ޝާހެވެ. ވިލާ ކޮލެޖުގެ ފަރާތުން ސޮއިކުރެއްވީ ކޮލެޖުގެ ރެކްޓަރު ޑރ. އަހުމަދު އަންވަރެވެ.

Ad
rt

މި އެއްބަސްވުމުގެ ދަށުން، ދެ ފަރާތުން ބޭނުންވާ ދާއިރާތަކުން ދިރާސާ ކުރުމަށްޓަކައި އެއްބާރުލުންދިނުމާއި، މަޢުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީންތައް ދިނުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މީގެ އިތުރުން އެމްޑަބްލިއުއެސްސީއާ ގުޅުންހުރި ދާއިރާތައް ދިރާސާކުރުމަށް ޝައުގުވެރިވާ ދަރިވަރުންނަށް ވިލާ ކޮލެޖް މެދުވެރިކޮށް ފުޅާދާއިރާއެއްގައި ދިރާސާކޮށް، ހޭލުންތެރިކޮށް އެކަމުގެ މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް ފޯރުކޮށް ދިނުމަށް މި އެއްވަސްވުމުގެ ދަށުން މަގު ފަހިވެގެންދާނެ ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ.

އެމްޑަބްލިއުއެސްސީން ބުނީ މި އެއްބަސްވުމުގެ ސަބަބުން ރާއްޖޭގެ ދިރާސާކުރުމުގެ ދާއިރާ އިތުރަށް ފުޅާވެ ތަރައްޤީވެ، ރައްޔިތުންގެ މެދުގައި ހޭލުންތެރިކަން އިތުރުވެގެން ދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ. އަދި، އިލްމީ ހޯދުންތައް ހޯދުމުގައި އާ ގޮތްތައް ތައާރަފް ވެގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް އެކުންފުނިން ބުންޏެވެ.