ކުންފުނިތަކާއި ސަފާރީތަކުގެ ނަމުގައި އޮޅުވާލައިގެން މަކަރާއި ހީލަތުން ފޭރުމުގެ އަމަލުތައް ހިންގުމުގެ މައްސަލަތައް ހުށަހެޅޭ މިންވަރު އިތުރުވަމުންދާކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފި އެވެ.
ފުލުހުންގެ ވެބްސައިޓުގައި މިއަދު އާންމުކުރި ލިއުމެއްގައި ބުނެފައިވަނީ، މަކަރާއި ހީލަތުގެ މިފަދަ އަމަލުތައް ހިންގާ ފަރާތްތަކުން މިކަން ކުރަނީ ވިޔަފާރިއެއް ނުވަތަ ކޮންމެވެސް މަސައްކަތެއްކުރާ މީހަކަށް ގުޅައި، އެ މީހަކު ވިއްކާ ނުވަތަ އެ ތަނެއްގައި ވިއްކަން ހުންނަ އެއްޗެއް ގަތުމުގެ ނަމުގައި ކަމަށެވެ.
ފުލުހުން ބުނެފައިވަނީ މިކަން ކުރާފަރާތްތަކުން، ފަތުރުވެރިންނާއެކު ދަތުރުކުރަމުންދާ ސަފާރީއަކަށް ނުވަތަ ސަޕްލައި ދޯންޏަކަށް ބޭނުންވާ އެކި ބާވަތުގެ ތަކެތި ގަތުމުގެ ނަމުގައި ގުޅާކަމަށެވެ. އެ ސަފާރީ ނުވަތަ ސަޕްލައި ދޯނި ހިމެނޭ ކަމަށްބުނާ ކުންފުނީގެ ނަމުގައި، ތަކެތި ވިއްކާ މީހުންނަށް ގުޅައި އެކި ބާވަތުގެ އަގުބޮޑު ތަކެއްޗަށް އޯޑަރުކުރާކަމަށާއި އަދި އެތަކެތި އެ މީހުން ގަންނާނީ އާންމުކޮށް ވިއްކާ އަގަށްވުރެ ބޮޑު އަގުގައި، ވިއްކާ މީހާއަށް ބޮޑަށް ފައިދާ ލިބޭގޮތަށް ކަމުގައި ބުނެއެވެ. މީގެ އިތުރުން ވިއްކާ މީހާ މި ތަކެތި ޑެލިވަރީ ކުރުމުގެ ކުރިން، ކުށްކުރާ މީހުން އިތުރު ބާވަތުގެ ތަކެއްޗަށް އޯޑަރުކުރެއެވެ.
މިގޮތަށް ގަންނަން އޯޑަރުކުރާ ތަކެއްޗަކީ އެ ސަފާރީ ނުވަތަ ސަޕްލައި ދޯނީގެ ނަމުގައި އެ މީހުން ތަކެތި ގަންނަތަނަކުން ވިޔަފާރިވެރިޔާއަށް އަގުހެޔޮކޮށް (މިސާލަކަށް، ޔޯގަޓް) ގަނެދޭނެ ކަމަށްބުނެއެވެ. އަދި އެ މީހަކާ ގުޅޭ ނަންބަރު ހިއްސާކުރެއެވެ.
މި ކުށްކުރާ މީހުން މި ގޮތަށް ތަކެތި ގަންނަން ބޭނުންވެގެން ނަންބަރު ހިއްސާކުރާ މީހަކީ މި ކުށްކުރުމުގައި ހިމެނޭ މީހެކެވެ. އަދި މިފަދަ ފަރާތްތަކަށް މުއާމަލާތުކޮށް އިތުރަށް ބޭނުންވާ ތަކެތި ގަންނަން އެކައުންޓަށް ޖަމާކުރާ ފައިސާއަކީ ކުށްކުރާ މީހުންނަށް ދެވޭ ފައިސާއެކެވެ.
މިގޮތަށް އޮޅުވާލައިގެން މަކަރާއި ހީލަތުން މުދާ ހޯދަމުންދާ މީހުން ގަންނަން ބޭނުންވެގެން ކަމަށްބުނެ އޯޑަރުކުރާ ތަކެތި މާލޭގައި ނަމަ ޓީޖެޓީއަށް، ހުޅުމާލޭގައި ނަމަ ލަކުޑި ޖެޓީއަށް ޑެލިވަރީ ކޮށްދިނުމަށްވެސް އެދެއެވެ.
"އެމީހުން ބޭނުންކުރާ ވިޔަފާރި ކުންފުނީގެ ނަމަކީ ރަޖިސްޓްރީ ކޮށްފައިނުވާ ނަމެއްކަން ފާހަގަކުރެވެއެވެ. އަދި ތަކެތި ވިއްކާ މީހާގެ މައުލޫމާތު، މީސްމީޑިއާގައި ތަކެތި ވިއްކުމަށް ޕޯސްޓުކޮށްފައިވާ ޕޯސްޓުތައް މެދުވެރިކޮށް ނުވަތަ އެތަނެއްގައި އުޅޭ ދަންނަ މީހަކު މެދުވެރިކޮށް ހޯދާ، މިފަދަ މީހުން އާންމުކޮށް މުއާމަލާތުކުރަމުން ގެންދަނީ ބިދޭސީއެއްގެ ނަމުގައި އިނގިރޭސި ބަހުން ފޯނުން ގުޅައިގެން އަދި މީސްމީޑިއާ މެދުވެރިކޮށްވެސް ވާހަކަދައްކާ"
މަކަރާއި ހީލަތުގެ މިފަދަ މައްސަލަތަކުގެ ތަހުގީގުތަކަށް ފާހަގަކުރެވިފައިވާ ކަންކަމުގެ ގޮތުގައި ފުލުހުން ފާހަގަ ކޮށްފައިވެއެވެ.
އޭގެ އިތުރުން، ކުންފުނީގެ ނަމުގައި ކުރާ މުއާމަލާތުތަކުގައި ކުންފުނީގެ ސައްހަކަން ކަށަވަރުކޮށްދިނުމަށް ސައްހަނޫން ލިޔެކިޔުން ހަދާ އަދި ތަކެތި ވިއްކާ ފަރާތުގެ އިތުބާރު ހޯދުމަށް އެ ލިޔެކިޔުންތައް ބޭނުންކުރާކަންވެސް ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.
މަކަރާއި ހީލަތުގެ މިފަދަ ކަންކަމުން ސަލާމަތްވުމަށް، ވިޔަފާރީގެ މުއާމަލާތު ކުރުމުގައި މިހާރަށްވުރެބޮޑަށް ސަމާލުވުމަށާއި އަދި ވިއްކާ މުދަލުގެ ފައިސާ ނުލިބެނީސް އެއްވެސް މީހަކާ މުދާ ހަވާލުނުކުރުމަށާއި ފޯނު މެދުވެރިކޮށް ކުރެވޭ މުއާމަލާތަކަށްފަހު އެ ކުރެވޭ މުއާމަލާތުތަކުގެ ސައްހަކަން ކަށަވަރުނުކޮށް ފައިސާގެ މުއާމަލާތުތައް ނުހިންގުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!