ވެލާ ރިސޯޓްގެ "ފެހިކުރަމާ" ޕްރޮގްރާމުގައި ނޫނު އަތޮޅު ކައުންސިލު ބައިވެރިވެއްޖެއެވެ.
މިކަމާ ގުޅޭ ގޮތުން ނޫނު އަތޮޅު ކައުންސިލުން ވިދާޅުވީ މި ޕްރޮގްރާމްގައި ބައިވެރިވާން ނިންމީ ނޫނު އަތޮޅުގައި އިސްރާފު ކުޑަކޮށް އިގްތިސާދު ހިފެހެއްޓުމުގެ ޕްރޮގްރާމް ތަންފީޒު ކުރުމަށް ވާގިދީ އެހީތެރިވުމަށް ކަމުގައެވެ.
ނ. އަތޮޅުގައި ހިންގަމުން އަންނަ ވެލާ ރިސޯޓްގެ "ފެހިކުރަމާ" ޕްރޮގްރާމާއެކު ނޫނު އަތޮޅު ކައުންސިލުން ސޮއިކޮށްފައިވާ އެއްބަސްވުމުގައި ނޫނު އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު އެވެ. އަދި ވެލާ ރިސޯޓުގެ ފަރާތުން ސޮއި ކުރެއްވީ ވެލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ވެއިން މިލްގޭޓް އެވެ.
މި އެއްބަސްވުމަށް އަލި އަޅުއްވާ ލައްވަމުން ވެލާ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ވެއިން މިލްގޭޓް ވިދާޅުވީ، "އިސްރާފު މަދުކުރުމާ އަލުން ބޭނުންކުރުން ނުވަތަ ރިސައިކަލްކުރުން އެންމެ ފުރިހަމަ ގޮތުގައި ކުރެވެން އަންނަނީ ކިޔަވާ ކުދިންނާ ހަމައިން އެކަމާމެދު ވިސްނާ ހޭލުންތެރި ކޮށްގެން ކަމަށް ކަމަށެވެ.
ވެއިން ވިދާޅުވީ ކުރިއަށްއޮތް އަހަރު ކައުންސިލާއެކު އެއްބަސްވެވުނު ޕްލޭނާ އެއްގޮތަށް މަސައްކަތްތައް ރާވާ ހިންގާނެ ކަމަށެވެ.
މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތް ތިން އަހަރު ކައުންސިލުން އިސްރާފު ކުޑަކޮށް އިގްތިސާދުގައި ހިފެހެއްޓުމަށް ކަނޑައަޅާފައިވާ ޕްރޮގްރާމްތައް ހިންގުމަށް "ފެހިކުރަމާ" ޕްރޮގްރާމުން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ހާއްސަކޮށް މި އަހަރު، ހުރިހާ ރަށަކަށް ވަށި ފޯރުކޮށް ދިނުމާ، އިސްރާފު މެނޭޖްކުރުމަށް އައު އީޖާދުތައް ތައާރަފު ކުރުމަށް އެހީތެރިވުމާއި، ސްކޫލްތަކާ ކުޅިވަރު މަރުކަޒުތަކުގައި ޕްލާސްޓިކް ފުޅި މަދުވާނެ ގޮތަކަށް ސާފު ބޯފެން ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ކަނޑައަޅާފައި ވެއެވެ.
މިކަމާ ގުޅޭ ގޮތުން ނ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ބަޝީރު ވިދާޅުވީ، މި ޕްރޮގްރާމްގައި މަގޫދޫގައި ގާއިމްކުރާ ބަދިގެ ބާކީ ކާދަށް ބަދަލުކުރާ ޕްލާންޓަކީ މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރު ރިސޯޓް ފަހަރުގެ އިސްރާފުވެސް މެނޭޖް ކުރެވޭގޮތަށް ހިންގުމަށް އެފެންވަރުގައި ތަރައްގީ ކުރެވޭ ޕްލާންޓެއްކަމުން، ޕްލާންޓްގެ ހިދުމަތް ވެލާ ރިސޯޓަށްވެސް އަންނަ އަހަރު ހުޅުވިގެން ދާނެކަމަށެވެ.
މިއާއި އެކު އަތޮޅުގައި މުދާ އުފުލާ ފެރީގެ ނިޒާމެއް ގާއިމްކޮށް، ނިޒާމު މެދުވެރިކޮށް އަތޮޅު ރަށްރަށާ ރިސޯޓް ބާކީވެސް ޕްލާންޓާ ހިސާބަށް އުފުލޭނެ ހިދުމަތެއް ފޯރުކޮށްދެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!