ބ. ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ހިއްސާކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވަނީ ކަމަދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.
މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި ކަމަދޫ ކައުންސިލާއި ރައްޔިތުންގެ ކަންބޮޑުވުންތައް ކަމަދޫ ކައުންސިލަރުން ވަރީ ރައީސްގެ ސަމާލު ކަމަށް ގެންނަވާފައެވެ.
މިގޮތުން ކައުންސިލުން ވަނީ ކަމަދޫގެ ރަށްގިރާ މައްސަލައާއި، ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމާއި، ރަށުގައި ފުލުހުންގެ ޚިދުމަތް ނެތުމުން ހުރި ކަންބޮޑުވުންތަކާއި، ޞިއްޙީ މަރުކަޒުގެ ޖާގައިގެ ދަތިކަމާއި، މިސްކިތުގެ ޢިމާރާތް ގިނަ ދުވަސްވެފައިވުމުގެ ސަބަބުން ހުރި ދަތިތަކާއި އަދި ކަމަދޫގައި ތަރައްޤީކުރާ ބަނދަރާއި ގުޅިގެން ހުރި ކަންބޮޑުވުންތައް ރައީސަށް ދަންނަވާފައެވެ.
މީގެ އިތުރުން ވެސް ކަމަދޫ ކައުންސިލުން ވަނީ ރަށުގެ ތަރައްޤީއަށް ކައުންސިލުން ކުރަމުންދާ ބައެއް ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވައި، ކަމަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގާ މަޝްރޫޢުތައް ކަމަދޫގެ ލޭންޑް ޔޫޒް ޕްލޭނާ އެއްގޮތަށް ކުރެވޭނެ އުޞޫލެއް ފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދަންނަވާފައެވެ. އަދި ފުލްޓައިމްކޮށް އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މަސައްކަތްތައް ކުރުމުގައި ދިމާވާ ދަތިތައް ވެސް ކައުންސިލަރުން ަވަނީ ފާހަގަކޮށްފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލަރުން ފާހަގަކުރެއްވި މުހިންމު މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ކައުންސިލާ ޙިއްޞާކުރައްވާފައެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި އިތުރު ކަންކަމުގައި އެދެވޭ ނަތީޖާއެއް ހޯދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާ މަޝްވަރާކުރައްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!