ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މިހިނގާ މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން އިއުލާނު ކޮށްފައިވާ މީހުންގެ ތެރެއިން ހަތަރު މީހަކު ހޯދުމުގެ މަސައްކަތް އަދިވެސް ފުލުހުން ކުރަމުން ގެންދާކަމަށް ފުލުސް އޮފީހުން ވިދާޅުވެއްޖެއެވެ.
މިމައްސަލައާ ގުޅިގެން ހޯދަމުންދާ ހަތަރު މީހުންނަކީ ކ. މާލެ/ ދަފްތަރު ނަންބަރު ރސ2260، މަޢުޞޫމް މުޙައްމަދުދީދީ (27އ) އާއި، ގއ. މާމެންދޫ/ ގްލޭނޫރަންމާގެ، އަޙްމަދު ރަބީޢު (24އ)، އާއި ސ. ހުޅުދޫ/ ނާދީ، މުނާދު ޖަޢުފަރު (20އ) ގެ އިތުރުން ސ. މަރަދޫ/ ކޮރަލް، އަޙްމަދު ސާތިޢު (21އ) އެވެ.
މި ހަތަރު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާ ކުރެއްވުމަށް ފުލުހުން އެދިވަޑައިގެންފައި ވެއެވެ.
ޖަނަވަރީ މަގާއި މަޖީދީ މަގު ގުޅޭ ހިސާބުގައި މެއި 2 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ހިންގި މާރާމާރީއާ ގުޅިގެން ހަތް މީހަކު ހޯދުމަށް ކުރިން ވަނީ އިއުލާނު ކޮށްފައެވެ.
އަދި މިމައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ވަނީ ހައްޔަރު ކޮށްފައެވެ. އެއީ ތ. ތިމަރަފުށި/ ސީނުގެ، އަޙްމަދު ޝިމްހާޒު (22އ) އާއި ކ. މާލެ/ މ. ލޮނުމިދިލިގެ، ލޫޠު އަޙްމަދު އާސިފް (18އ) އާއި ގދ. ވާދޫ/ އުނިމާގެ، ޙަސަން ޒިޔާން އިބްރާހިމް (18އ) ގއ. ގެމަނަފުށި/ ކެނެރީގެ، އަޙްމަދު ނާޒިހު (27އ) ގެ އިތުރުން 15 އަހަރުގެ ކުޑަ ކުއްޖެކެވެ.
މިމީހުންގެ ތެރެއިން ކުޑަކުއްޖާ ފިޔަވައި ދެން ތިބި ހަތަރު މީހުންވެސް ތަހުގީގު އަދި ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރު ކޮށްފައެވެ، އަދި ކުޑަކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހަތަރު ވަނަ ފަހަރަށް ކޯޓަށް ހާޒިރު ކުރުމުންވަނީ ހަތް ދުވަހުގެ މުއްދަތެއް ދީފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!