ސަފާރީއެއްގެ ކަފުގައި އޮތް ފަރުމަސްވެރިކަންކުރުމަށް ބޭނުންކުރާ ކުޑަ ދޯންޏެއް ކަނޑައިގެން ގޮސް ގެއްލިފައިވާތީ، އެ ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ފަށައިފިއެވެ.

މި ދޯންޏަކީ، މާލެއިން ފުރައިގެން ނ. އަތޮޅުގައި އޮންނަ ސޮނެވާ ޖާނީއަށް ދަތުރުކުރި ސަފާރީއެއްގެ ކަފުގައި އޮތް 23 ފޫޓުގެ ދޯންޏެކެވެ.

Ad
rt

އެމްއެންޑީއެފުން ވިދާޅުވީ، ސަފާރީގެ ކަފުގައި އޮތް "މާކޯނި" ނަމަކަށް ކިޔާ ފަރުމަސްވެރިކަން ކުރާ މި ދޯނި ކަނޑައިގެންގޮސް ގެއްލިފައިވާކަމަށެވެ. އެހެންވެ ދޯނި ހޯދުމުގެ މަސައްކަތް، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއާއި ދޯނީގެ ވެރިފަރާތުން ގުޅިގެން ކުރަމުން އަންނަކަމަށެވެ.

"މި ދޯނީގެ އެއްވެސް ޚަބަރެއް ވޭތޯ މި ސަރަޙައްދުން ދަތުރުކުރައްވާ އުޅަނދުފަހަރުތަކާއި މި ހިސާބުގެ ރަށްތަކުން ބަލައިދިނުމަކީ ކޯސްޓްގާޑުގެ ވަރަށް ބޮޑު އެދުމެއް" އެމްއެންޑީއެފުން ވިދާޅުވިއެވެ.

މި ދޯނި ގެއްލުނީ ރޭ 22:35 ހާއިރު ޅ. ކުރެންދޫގެ 1 މޭލު ބޭރުންނެވެ.

މި ދޯންޏާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިއްޖެނަމަ، ލަސްނުކުރައްވައި ކޯސްޓްގާޑުގެ ހިލޭ ގުޅޭނަމްބަރު 191 ނުވަތަ 3395981 ނުވަތަ 3398898 ނަންބަރު ފޯނަށް ގުޅުއްވައި އެކަން ހިއްސާކޮށްދެއްވުމަށް ސިފައިން ވަނީ އެދިފައެވެ.