އަންނަ އަހަރު މާލެ ސަރަޙައްދުގައި ކުނިން ކަރަންޓް އުފެއްދުމަށް 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ފައްޓަވާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ހާމަ ކުރައްވައިފިއެވެ.

މިކަމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލަޖީ އާމިނަތު ޝައުނާ ވިދާޅުވީ، އަންނަ އަހަރު މާލެ ސަރަޙައްދުގައި ފައްޓަވާ މި މަޝްރޫޢަކީ 2.3 ބިލިޔަން ރުފިޔާގެ ބިޔަ މަޝްރޫޢެއް ކަމަށާއި، މި ނިޒާމު މެދުވެރިކޮށް ދުވާލަކު 10 މެގަވޮޓާއި 12 މެގަވޮޓާ ދެމެދުގެ ކަރަންޓު އުފެއްދޭނެ ކަމަށެވެ.

Ad
rt

އެހެންކަމުން އަލަށް މި އުފެއްދޭ ކަރަންޓް ތިލަފުށީގެ މަސައްކަތްތަކަށާއި ގްރޭޓަރ މާލޭގެ ކަރަންޓުގެ މައި ވިއުގަ ތެރެއިން ބޭނުން ހިފޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި މަޝްރޫޢަށް ފަންޑުކުރަނީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭ.އައި.އައި.ބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) އިންނެވެ.

މީގެ އިތުރުން މިހާރުވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައި.ޑީ.ބީ) ގެ އެހީގައި ތިލަފުށީގެ މިހާރުގެ ކުނިގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

ތިލަފުއްޓަށް މިހާރުވެސް ދުވާލަކު 500 ޓަނާއި 700 ޓަނާ ދެމެދުގެ އަދަދަކަށް ކުނި ޖަމާކުރެއެވެ. މިއީ ހަމައެކަނި މާލެއާއި މާލެ ކައިރި ސަރަހައްދުތަކުން ގެންނަ ކުންޏަށްވާއިރު، މިހާރު މިކަންކުރާ އުޞޫލުން ކުރިޔަށްދާނަމަ ތިލަފުށީގެ ކެޕޭސިޓީ ކުރިއަށްއޮތް ދެތިން އަހަރެއްގެ ތެރޭގައި ފުރިގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.