އިޒްރޭލު ސިފައިންގެ ފައުޖުތަކުގެ ނިވަލުގައި ޔަހޫދީންގެ ގިނަބަޔަކު މަސްޖިދުލް އަޤްޞާއަށް ވަދެ މިސްކިތުގެ ޙުރުމަތް ކަނޑައިފިއެވެ.
އެގޮތުން އެތައް ހާސް ޔަހޫދީންނެއްވަނީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތް ކަމަށްވާ މަސްޖިދުލް އަޤްޞާއަށް ވަދެގަނެ މިސްކިތުގައި ނަމާދަށް ތިބި މުސްލިމުންނަށް ޙަމަލާދީ މިސްކިތް ތެރޭގައި ލޭއޮހޮރުވާފައެވެ.
1967ވަނަ އަހަރު ތެރޭގައި އިސްރާއީލުގެ ބާރުގެ ދަށަށް ޤުދުސް ގެނެވުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކޮންމެ އަހަރަކުވެސް ޔަހޫދީން ބޮޑެތި އެއްވުންތައް ބާއްވައެވެ.
އެ ގޮތުން އިސްރާއީލުގެ ކޯޓުތަކުން ނެރެފައިވާ ޢަމުރުތަކާ ޚިލާފަށް ޔަހޫދީންވަނީ ބާރުގެ ބޭނުންކޮށްގެން އަޤްޞާ ހުންނަ ބިމަށް ވަދެގަނެ އިސްރާއީލުގެ ދިދަ ވިހުރުވައި ލަވަކިޔައި ނަށައި އަޅުކަންކޮށް މިސްކިތުގެ ހުރުމަތް ކަނޑައިފައެވެ.
ޔަހޫދީއަކު މުސްލިމް އަންހެނަކަށް ހަމަލާ ދެނީ، ފޮޓޯ: އާޔާ އިސްލީމް
މީގެ އިތުރުން ޔަހޫދީންވަނީ އަޤްޞާއަށް ޖަމާވެފައިވާ މުސްލިމުންނާ ކުރިމަތިލައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގައިފައެވެ.
އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުގެ ނިވަލުގައި އަޤްޞާއަށް ވަދެގަތް ޔަހޫދީންވަނީ ހުރިހާ ޢަރަބިން މަރަން ވެސް ގޮވައިފައެވެ.
1967ވަނަ އަހަރުގެ ތެރޭގައި ޢަރަބިންނާ ދެކޮޅަށް ކުރި ހަނގުރާމާގައި އަޤްޞާ މިސްކިތް ހުންނަ އިރުމަތީ ޤުދުސް އިޒްރޭލުން ފޭރިގެންފައި ވީނަމަވެސް އަލްއަޤްޞާގައި ޔަހޫދީންނަށް އަޅުކަންކުރުން މަނާކުރުމަށް އިސްރާއީލުންވަނީ މުސްލިމުންނާ އެއްބަސްވެފައެވެ.
އަދި އަޤްޞާ މިސްކިތުގެ ބެލެނިވެރި ފަރާތަކީ އުރުދުން ކަމަށް ހަމަޖައްސާފައި ވީނަމަވެސް ޢުރުދުންގެ އެއްވެސް ބާރެއް މިހާރު އަޤްޞާގެ މައްޗަކަށް ނޯވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!