ހއ. މުރައިދޫ އަބްދުއް ރަޙްމާން އިބްރާހީމް، މުރައިދޫ މީހުންގެ ނަމުންނަމަ ބޮޑު ތުއްތުބެ ނުވަތަ ކުޑަ ކަތީބެއަކީ މުރައިދޫއަށާއި ބޮޑު ތިލަދުންމައްޗަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވި ވަރަށް ޚިދުމަތްތެރި ބޭފުޅެކެވެ. ތިލަދުންމަތީގެ ހަރު އުމުރުގެ ގިނަބަޔަކު ދަންނަ ހަރުދަނާ ސަހުސިއްޔަތެކެވެ.
އަބްދުއް ރަޙްމާން ނިޔާވެފައި ވަނީ 28 މެއި 2022 ވީ ހޮނިހިރު ދުވަހުއެވެ. ނިޔާވިއިރު އައިޑީ ކާޑުން ފެންނަ ގޮތުގައި އުމުރަކީ 103 އަހަރެވެ. މުރައިދޫގެ ދޮށީ އުމުރުގެ މީހުން ބުނާގޮތުންނަމަ އަބްދުއް ރަޙްމާނުގެ އުމުރުން 120 އަހަރު ވެދާނެއެވެ. މިއީ ރާއްޖޭގައި ހުރި އެންމެ އުމުރުން ދުވަސްވީ އެކަކުކަމަށް ބުނެވެއެވެ.
އަބްދުއް ރަޙްމާނަށް ލިބިފައިވާ ހަތް ދަރިންގެ ތެރެއިން މިވަގުތު ދުބިޔޭގައި ތިބީ ހަ ދަރިންނެވެ. އެންމެ ދޮށީ ދަރިފުޅު ހާޝިމް އަބްދުލް ރަހްމާން ދުނިޔޭގައި އެބަ ހުއްޓެވެ. އޭނާ ދިރިއުޅެނީ އާއިލާއާ އެކީގައި ށ. މިލަންދޫގައެވެ. ހާޝިމްގެ އުމުރުން މިހާރު 88 އަހަރުވިއިރު، އަބްދުއް ރަޙްމާނަށް ކާފަކިޔާ ބައެއް ދަރިންގެ އުމުރު އުޅެނީ 50 އަހަރުން މަތީގައެވެ.
އަބްދުއް ރަހްމާންގެ ދަރީންގެ ތެރެއިން އިބްރާހިމް އަބްދުލް ރަހްމާން އޭނާގެ އާއިލާއާއެކު އުޅެނީ ހދ. ހަނިމާދޫގައެވެ. ހަސަން އަބްދުލް ރަހްމާންއާއި، ރަޝީދާ އަބްދުލް ރަހްމާންއާއި، އައިމިނަތު އަބްދުލް ރަހްމާންއާއި، މަރިޔަމް އަބްދުލް ރަހްމާން ދިރިއުޅެމުން އަންނަނީ މުރައިދޫގައެވެ. އަބްދުއް ރަޙްމާން ނިޔާވުމާ ހަމައަށް ވެސް ދިރިއުޅެމުން އައިސްފައި ވަނީ އެންމެ ހަގު ދަރިފުޅުގެ މަރިޔަމް އަބްދުއް ރަހްމާނުގެ ގޭގައެވެ.
ކުޑަ ކަތީބެ ބައެއް ކާފަ ދަރިންނާއެކު، މިއީ 2021 ވަނަ އަހަރު ނަގާފައިވާ ފޮޓޯއެއް، ފޮޓޯ: ޒުލްފާ ހަސަން
އަބްދުއް ރަހުމާނު ވަނީ މުރައިދޫގެ ކަތީބުކަން 25 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުރައްވާފައެވެ. އަބްދުއް ރަޙްމާން އަކީ މާބަނޑު މީހުން ވިއްސުމުގެ މަސައްކަތް ވަރަށް ރަނގަޅަށް ދަންނަ ބޭފުޅެކެވެ. މިގޮތުން މީހުން ވިއްސުމުގެ މަސައްކަތުގައި އަބްދުއް ރަޙްމާން ވަނީ ތިލަދުން މަތީގެ ގިނަ ރަށްތަކަށް ދަތުރު ކުރައްވައި، ޚިދުމަތެއްގެ ގޮތުން އެ މަސައްކަތް ކުރައްވާފައެވެ. މީގެ އިތުރުން ފޫޅުމައިކަން އެތައް ބަޔަކަށް ދަސްކޮށްދެއްވުމުގެ މަސައްކަތް ވެސް އަބްދުއް ރަޙްމާން ވަނީ ކުރައްވާފައެވެ.
ދިވެހި ބޭސްވެރިކަން ވެސް އަބްދުއް ރަޙްމާން ކުރައްވާފައި ވާއިރު، އެ މަސައްކަތުގައި ވެސް ތިލަދުން މަތީގެ ރަށްތަކަށް ދަތުރު ކުރައްވައި އެ ޚިދުމަތް ފޯރުކޮށް ދެއްވިއެވެ. މީގެ އިތުރުން އަތްތެރި ބައެއް މަސައްކަތްތައް ކުރެއްވުމާއި ތެއްޔާއި ދާނިފަދަ ތަކެތި އަމިއްލަފުޅަށް އުފައްދަވައި އެ ތަކެތި އެކި ރަށްރަށަށް ފޯރުކޮށްދީ ހެއްދެވިއެވެ.
"ތިލަދުން" ނޫހާއި ވާހަކަފުޅު ދައްކަވަމުން މުރައިދޫ ކައުންސިލްގެ ރައީސް އަލީ ސިނާން ވިދާޅުވެފައި ވަނީ ކަތީބެ ނިޔާވި ދުވަހަކީ މުރައިދޫއަށް ހިތާމަވެރިކަން ގެނުވި ދުވަހެއް ކަމަށެވެ.
ކުޑަ ކަތީބެ، ފޮޓޯ: ޒުލްފާ ހަސަން
ސިނާން އިތުރަށް ވިދާޅުވެފައި ވަނީ ކަތީބެ އަކީ ތަހުޒީބް މުޖުތަމަޢެއް އުފެއްދުމަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވައި މުރައިދޫއާއި ތިލަދުންމަތީގެ ރަށްތަކުގެ މީހުންގެ ލޯބި ހޯއްދަވާފައިވާ ސަހުސިއްޔަތެއް ކަމުގައެވެ.
ކަތީބެ ނިޔާވުމާއި ގުޅިގެން ކަތީބެގެ މޫނު ބެލުމަށާއި، ކަށުނަމާދުގައި މުރައިދޫގެ ކުދިބޮޑު އެންމެން ބައިވެރިވި ބައިވެރި ވުމަކީ ކަތީބެއަށް ރަށުގެ އެންމެންގެ ހިތުގައި އޮތް ލޯތްބާއި ގަދަރު ވަރަށް ފުރިހަމައަށް ފެނިގެންދިޔަ ކަމެއްގެ ގޮތުގައި ސިނާން ވަނީ ފާހަގަ ކުރައްވާފައެވެ.
ސިނާން އިތުރަށް ވިދާޅުވެފައި ވަނީ ކަތީބެއަކީ ހުރިހާ އުމުރެއްގެ އެންމެންނާއި ވެސް ގުޅޭ ބޭފުޅެއް ކަމަށާއި އުމުރުން ވަރަށް ބޮޑަށް ދުވަސްވެ ގައިބާރު ދެރަވާ ހިސާބަށް ފޯރިއިރު ވެސް އަމިއްލަ ފުޅަށް ހިންގަވައި އުޅުއްވައި ބައެއްކަހަލަ މަސައްކަތްތައް އަމިއްލަފުޅަށް ކުރައްވާ ހެއްދެވި ބޭފުޅެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!