އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ދޫކުރާ ބަޖެޓް މިހާރަށްވުރެ ބޮޑުކުރުމަށާއި، އެކޮމެޓީ މިހާރަށްވުރެ ހަރަކާތްތެރި ކޮމެޓީއަކަށް ހެއްދެވުމަށް މަސައްކަތްކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ޗެއަރކުރައްވައި އެ ސެޝަނުގައި ކޮންފަރެންސް ނިންމަވާލެއްވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

މިއަދު ކުރިއަށް ދިޔަ އެ ކޮންފަރެންސްގެ ތިންވަނަ ސެޝަންގައި ބައިވެރިވި އަންހުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުން ވަނީ ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ތެރެއިން މިހާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކަނޑައަޅާފައިވާ 5 އިންސައަށްވުރެ އިތުރަށް ފައިސާ ކޮމެޓީތަކަށް ބޭނުންވާކަން ފާހަގަ ކޮށްފައެވެ. އަދި ޕާޓްޓައިމް ވަޒީފާއެއްގެ ގޮތުގައި އެ ކޮމެޓީތަކުގެ މެންބަރުން ތިބުމުން ކުރިމަތިވާ ދަތިތައް ފާހަގަ ކުރިއެވެ. އެ ކޮމެޓީތަކުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން އެންމެބޮޑަށް އެ ކޮމެޓީތަކަށް ކުރިމަތިވާ އެއްކަމަކީ މާލީ ދަތިތައްކަން ކަމަށް ވަނީ ފާހަގަކޮށްފައެވެ.

މިއަދުގެ ފަހު ސެޝަން ނިންމަވާލައްވަމުން ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ރައީސުން ފާހަގަކުރެއްވި ކަންކަމަށް ބަލާއިރު މައިގަނޑު ގޮތެއްގައި ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރެއްވީ މާލީ ފުދުންތެރިކަން އިތުރުކުރުމުގެ ވާހަކަތަކެވެ. އެގޮތުން މާލީ ބާރުވެރިކަން އިތުރުކޮށް މިހާރަށްވުރެ ބޮޑު ބަޖެޓެއް ދިނުމުގައި މުޅި ދައުލަތުގެ އާންމުދަނީ ބައްލަވަންޖެހޭކަމަށާއި އެހެންކަމުން އެކަމުގައި ކުރިޔަށްދާނެ ގޮތަކާމެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް މިއަހަރު ބާއްވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީން ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި މިހާރު ކުރިޔަށްދާ ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.