ރާއްޖޭގެ ބިން ވިއްކަން އުޅުއްވި ރައީސެއް ފިޔަވައި ރާއްޖޭގެ ވެރިކަން ކުރެއްވި އެހެން ހުރިހާ ރައީސުން ވެސް ރާއްޖެ އާއި، އިންޑިއާގެ ގުޅުމަށް ކަމޭހިއްތެވިކަމަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ) ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް ޔާމީން އަބުދުލްޤައްޔޫމް ލީޑްކުރަށްވާ، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އިިސްވެ ރާއްޖޭގައި ހިންގަމުން އަންނަ "އިންޑިއާ އައުޓް" ކެމްޕޭނާއި ދެކޮޅަށް "ބާކީ ނުވޭ" ނަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިސްވެ މީސްމީޑިއާގައި އަންނަނީ ކެމްޕޭނެއް ހިންގަމުންނެވެ.

Ad
rt

"ބާކީ ނުވޭ" ހޭޝްޓެގް ބޭނުން ކުރައްވަމުން ވައްޑޭ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ‌‏އުތުރުކަރަ (އިންޑިއާ) އާއި ރާއްޖޭގެ ގުޅުމަކީ އެތައްހާސް އަހަރުވީ ޤަދީމީ ގުޅުމެއް ކަމަށެވެ.

"އެތައް ރަސްކަލެއް، ރަންޏެއް، ރައީސެއް، ބޮޑުވަޒީރެއް މިރާއްޖޭގެ ވެރިކަން ކުރިއިރު، މިޒަމާންވީ ގުޅުން ހީނަރުވެދާފަދަ ކަމެއް ނުކުރައްވާ. (ރާއްޖޭގެ ބިން ވިއްކަން އުޅުއްވި) ރައީސްޔާމީނު ފިޔަވައި" ވައްޑޭ ވިދާޅުވެފަވެެވެ.

"ބާކީ ނުވޭ" ހޭޝްޓެގް ބޭނުން ކުރައްވަމުން ވައްޑޭ ކުރިން ވެސް ވަނީ ވަަތަނީ، ޤައުމީ، ދީނީ، ފަދަ ނަންނަމުގައި ބާރު ހޯއްދަވައިގެން ކުރިންވެސް އުޅުއްވީ ރައްޔިތުން އަޅުވެތިކޮށް، ރާއްޖޭގެ އަތޮޅުއަތޮޅު ވިއްކާލަން ކަމަށް ވިދާޅުވެފައެވެ. އަދި "ނިފާޤުކަމުގެ ފަހަތުގައި ފޮރުވިފައިވަނީ ހީލަތާއި ‘ހިޔަޅުބުއްދި’ކަން އެންމެންވެސް ދަންނަކަމަށާއި، އަޅުވެތިވާންވެސް ބާކީވާންވެސް ދިވެހިންނެއް ނޭދޭކަމަށް އޭނާ ވިދާޅުވެފަވެއެވެ.

ރާއްޖޭގެ ބިން ވިއްކަން އުޅުންކަމަށް ވައްޑޭ އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ފ. އަތޮޅުން ބަޔެއް ޢަރަބި ޤައުމަކަށް ވިއްކާލަން މަސައްކަތްކުރި ކުރުމަށްކަމަށް ބެލެވެއެވެ.

އިދިކޮޅުން އިންޑިއާއި ދެކޮޅަށް ހިންގަމުން އަންނަ ކެމްޕޭނާ ދެކޮޅަށް "ބާކީ ނުވޭ" ހޭޝްޓެގެއް ބޭނުންކޮށްގެން އެމްޑީޕީއަށް ނިސްބަތްވާ ފަރާތްތައް މިހާރު މީސްމީޑިއާގައި އަންނަނީ ފުޅާ ކެމްޕެއިނެއް ހިންގަމުންނެވެ.