ލޯކަލް ކައުންސިލްތަކުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް މިހާރަށްވުރެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙް މިއަދު އެދިވަޑައިގެންފިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ އެމަނިކުފާނުގެ އިސްނެންގެވުމުގެ މަތިން ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް ތިން ވަނަ ސެޝަން ޗެއަރކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

Ad
rt

އއ. އުކުޅަހުގައި ކުރިއަށްދާ މި ކޮންފަރެންސްގެ ތިންވަނަ ސެޝަންގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތައް އިންތިޚާބުކުރާ ގޮތަށް ކަނޑައަޅައި އެކޮމެޓީއަކީ ހިންގުންތެރި މަސައްކަތްތަކެއް ކުރެވޭގޮތަށް ސަރުކާރުން ބަދަލުތައް ގެންނަވާފައި ވީނަމަވެސް އަދިވެސް ބައެއް ކައުންސިލުތަކުން އެ ކޮމެޓީއަށް ދެއްވަންޖެހޭ އެއްބާރުލުން ދެއްވަމުން ނުދާކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި ވަނީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ކައުންސިލު އިދާރާތަކުން ޖާގަހަމަޖައްސައިދިނުމުގައި ބައެއް ކައުންސިލުތަކުން ފަސްޖެހޭކަމުގެ ޝަކުވާ މަދުންނަމަވެސް ލިބޭކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ކައުންސިލަކުން އެކަންކުރެވިފައި އޮތް ނަމަވެސް މިހާރުން މިހާރަށް އެކަން ބަދަލުކުރައްވައި ކައުންސިލަށް އޮތް ޖާގައެއްގެ ތެރެއިން އެހެން މެދުވެރިވި ކޮމެޓީތަކަށް ޖާގަ ހަމަޖައްސައިދެއްވުމަށް ރައީސް ވަނީ އެދިވަޑައިގަންނަވާފައެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އިއްޔެ ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުން އަންހެނުން ބާރުވެރިކުރުމަށް ގެންނަވާފައިވާ ބައެއް ބަދަލުތައް ފާހަގަކުރައްވާފައެވެ. އެގޮތުން ލޯކަލް ކައުންސިލްތަކުގެ 33 އިންސައްތަ ޙިއްޞާ އަންހެނުންނަށް ޚާއްޞަކޮށް ސަރުކާރުން ގެންނެވި ބަދަލާއެކު ޖުމްލަ 388 އިންތިޚާބީ އަންހެން ކައުންސިލަރުން މިހާރު ރާއްޖޭގައި ތިބިކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަކީ، ރައްޔިތުންގެ ވޯޓާއެކު އިންތިޚާބު ކުރެވޭ ބަޔަކަށް ބަދަލުކުރުންފަދަ ސަރުކާރުން ގެންނެވި މުހިންމު ބަދަލުތަކާއެކު ޤައުމުގެ ކަންކަމުގައި އަންހެނުން ޙިއްޞާވާ މިންވަރުގެ އިތުރުވެފައިވާކަން ރައީސް ޞާލިޙް ފާހަގަކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން އިންތިޒާމުކޮށް ބާއްވަވާ ވިއަވަތި ރާއްޖެ ކޮންފަރެންސް މިއަހަރު ބާއްވަނީ 3 ސަރަޙައްދަކަށް ބަހާލައިގެން ކޮންމެ ސިޓީ ކައުންސިލަކާއި އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލަކާއި އ.ތ.މ ކޮމެޓީން ބައިވެރިވާގޮތަށެވެ. މިގޮތުން މި އަހަރު ބާއްވާ ފުރަތަމަ ކޮންފަރެންސް އަކީ މެދުރާއްޖެތެރޭގެ އަތޮޅު ތަކަށް އަމާޒުކޮށް އއ. އުކުޅަހުގައި މިހާރު ކުރިޔަށްދާ ކޮންފަރެންސްއެވެ.

މި ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި އެކި މުވައްސަސާތަކުގެ ޓެކްނިކަލް ބޭފުޅުންނާއި މޭޔަރުންނާއި ކައުންސިލް ރައީސުންނާއި އ.ތ.މ ކޮމެޓީތަކުގެ ރައީސުން ބައިވެރިވެވަޑައިގަންނަވައެވެ.