މަހާނަތަކުގެ މަތީގައި ރޭނުމާއި ޒީނަތްތެރިކުރުން ހުއްޓުވަން، މާލޭ ސިޓީ ކައުންސިލަށް އިސްލާމިކް މިނިސްޓްރީން އަންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލްއަށް މިއަދު ވަނީ މިކަން ހުއްޓުވުމަށް ސިޓީއެއް ފޮނުވާފައެވެ.

Ad
rt

މި ސިޓީގައި ބުނީ މިހާރަކަށް އައިސް ބައެއް ގަބުރުސްތާނުތަކުގެ މަހާނަތައް ޒީނަތްތެރިކޮށް މަހާނަތަކުގައި ގާފޮޅު ޖެހުމާއި ރާނާ ހަދާކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބެމުންދާ ކަމަށެވެ.

"ގަބުރުސްތާނަކީ އިސްލާމީ ޝަރީއަތުގައި ވަރަށް ބޮޑަށް ޙުރުމަތްތެރި ކުރައްވާފައިވާ ތަނެއް، މަހާނަތަކަށް އިހުމާލުވެ ހުރުމަތް ކެނޑޭ ފަދަ އެއްވެސް އަމަލެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން"

މިނިސްޓްރީން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން މަހާނަތައް ޒީނަތްތެރިކަމުގެ ގޮތުން ރާނާ ހެދުމަކީ ވެސް އިސްލާމް ދީނުގައި އޮންނަ ކަމެއް ނޫން ކަމަށް މިނިސްޓްރީން ބުނެފައި ވެއެވެ.

މިހެންކަމުން، މަހާނަތައް ޒީނަތްތެރި ކުރުމުގެ ނިޔަތުގައި އިސްލާމް ދީނުގެ އުސޫލުތަކާ ހިލާފަށް އާ ސަހަރާގެ ގަބުރުސްތާނުގައި މަހާނަތައް މަތީ ރާނާ ހަދަމުންދާތީ މިކަން ހުއްޓުވައި ދެއްވުން އެދި އިސްލާމިކް މިނިސްޓްރީން މާލޭ ސިޓީ ކައުންސިލަށް ފޮނުވި ސިޓީގައި ދަންނަވާފައި ވެއެވެ.