ބަނގުރާ ނުވިއްކާވެސް ފަތުރުވެރިކަން ފުޅާކުރެވޭނެ ކަމަށް ސަޢޫދީޢަރަބިއްޔާއިން ބުނެފިއެވެ.

ސަޢޫދީޢަރަބިއްޔާއިން މިހެން ބުނެފައިވަނީ ވޯރލްޑް އިކޮނޮމިން ފޯރަމުން ބޭއްވި ޕެނަލް ޑިސްކަޝަނަނެއްގައި އެ ޤައުމަށް އަމާޒުކޮށް ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

Ad
rt

އެގޮތުން މި ފޯރަމްގައި ސައުދީ އަރަބިއްޔާ ފަތުރުވެރިކަމަށް ހުޅުވާލަމުންދާއިރު، އަވައްޓެރި ޤައުމުތައް ފަދައިން ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް ބަނގުރާ ވިއްކުމުގެ ފުރުސަތު ލިބިދާނެތޯ، ކުރެވުނު ސުވާލަށް ޖަވާބު ދެއްވަމުން ސަޢޫދީޢަރަބިއްޔާގެ އެސިސްޓެންޓް މިނިސްޓަރ އޮފް ޓުއަރިޒަމް، ޕްރިންސަސް ހައިފާ ބިންތު މުހަންމަދު ވިދާޅުވީ، އެފަދަ ފުރުޞަތެއް ނުލިބޭނެ ކަމަށެވެ.

މިކަން އިތުރަށް ތަފްޞީލު ކޮށްދެއްވަމުން އެކަމަނާ ވިދާޅުވީ ސައުދީ އަރަބިއްޔާގައި މިހާރު ހުރި ގާނޫނުތައް އިސްލާހްކޮށްގެން އެގައުމުގައި ބަނގުރާ ވިއްކުމުގެ ހުއްދަދިނުމުގެ އެއްވެސް ވިސްނުމެއް ސަޢޫދީ ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެ ޤައުމުގެ ވިސްނުމަކީ ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައިވެސް މިހާރު ހެދިފައި ހުރި ގާނޫނުތަކާ އެއްގޮތަށް ލިބެންހުރި ވަޞީލަތްތަކާއެކު ކުރިޔަށް ދިޔުން ކަމަށެވެ.

އެގޮތުން އެ ޤައުމުގައި މިހާރުވެސް ޔުނެސްކޯއިން ދުނިޔޭގެ ހެރިޓޭޖްގެ ގޮތުގައި ކަނޑައަޅާފައިވާ 6 ސައިޓެއް އޮތްއިރު ރަތްކަނޑާއި، ފަތުރުވެރިން ޝައުގުވެރިވާ އެތައް ތަނެއް އެ ޤައުމުގައި ހުރިކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ.

ބަނގުރާ ނުވިއްކި ނަމަވެސް ސަޢޫދީޢަރަބިއްޔާއިން ފަތުރުވެރިންނަށް އަލަށް ވިސާ ދޫކުރަން ފެށިތާ ފުރަތަމަ ހަ މަސްދުވަހުވެސް 400،000 އަށްވުރެ ގިނަ ވިސާ ދޫކޮށްފައި ވެއެވެ. ފަތުރުވެރިންނަށް ވިސާ ދޫކުރުން ސައުދީން މަޑުޖައްސާލީ ކޮވިޑާ ގުޅިގެންނެވެ.