މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުން މި ހިނގާ 1443 ވަނަ އަހަރު ހައްޖުގެ ޖާގަތައް ހަމަޖެއްސުމުގައި އަމަލު ކުރުމަށް ނިންމާފައިވާ ގޮތް އެ ކޯޕަރޭޝަނުން އާންމުކޮށްފިއެވެ.

މިއަހަރު ހައްޖަށް މީހުން ގެންދިއުމުގެ ފުރުސަތު ދޭން ސަރުކާރުން ނިންމާފައި ވަނީ ދައުލަތުގެ ކުންފުނި މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑަށް އެކަންޏެވެ. އަމިއްލަ ކުންފުނިތަކަށް މި ފަހަރު ފުރުސަތު ދިނުމަށް ހަމަޖެހިފައެއް ނުވެއެވެ.

Ad
rt

އެ ކޯޕަރޭޝަނުން ވިދާޅުވެފައި ވަނީ މި އަހަރު ހައްޖުގެ ޖާގަތައް ދިނުމަށް ހަމަޖެހިފައި ވަނީ އެ ކޯޕަރޭޝަންގެ "ހައްޖު އަދި ޢުމްރާގެ ޚިދުމަތް ހޯދުމާއި ބެހޭ އުސޫލު" ގައި ބަޔާން ކޮށްފައިވާ ގޮތަށް ލިސްޓް ތަރުތީބުން ކަމަށެވެ.

ޖާގަ ދެވޭ ފަރާތްތަކަށް ޙައްޖު ދައުވަތުގެ ލިޔުމެއް ދޭން ނިންމާފައިވާއިރު، ދައުވަތު ގަބޫލުކުރުމަށް ފުރިހަމަކުރަންޖެހޭ ފޯމުގައި ޖާގަ ބަލައިގަންނަކަމަށް ފާހަގަ ޖައްސަވައި ސޮއިކުރެއްވުމަށް ފަހު ފޯމު ހުށަހެޅުއްވުމުން ޖާގަ ގަބޫލުކުރެވުނީ ކަމުގައި އެ ކޯޕަރޭޝަނުން ހާމަކުރައްވައެވެ.

މި އަހަރު އެ ކޯޕަރޭޝަނުން ޙައްޖުވުމުގެ ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ ޙައްޖު ޖާގަ ލިސްޓުގައިވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ދަށުގެ ފަރާތްތަކަށެވެ.

ސައޫދީ އަރަބިއާގެ ގަވާއިދުތަކާއި އެއްގޮތަށް މިއަހަރުގެ ޙައްޖު ދަތުރުގައި ބައިވެރިވާ ހުރިހާ ފަރާތްތަކަކީ ވެސް ކޮވިޑް ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ވާންވާނެ ކަމުގައި އެ ކޯޕަރޭޝަނުން ހާމަކުރައްވައެވެ.

ހައްޖުގެ އަޅުކަން ކުރުމަށް މައްކާއަށް ދާން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކި މީހުންގެ ކިއޫ ލިސްޓުގައި 3،500 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. ނަމަވެސް މި އަހަރު އެ ކޯޕަރޭޝަނުން ފުރުސަތު ދިނުމަށް ހަމަޖެހިފައި ވަނީ 353 މީހުންނަށެވެ. ރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި ސަރުކާރުން ހަވާލުކޮށްފައިވާއިރު، އެ ސަތޭކަ ޖާގައާއުއެކު ރާއްޖެއިން މި އަހަރު ހައްޖައް ގެންދިޔުމަށް ހަމަޖެހިފައި ވަނީ ޖުމްލަ 453 މީހުންނެވެ.

ހައްޖު ކޯޕަރޭޝަނުން ހައްޖަށް ގެންގޮސްދެނީ 69،000 (ފަސްދޮޅަސް ނުވަހާސް) ރުފިޔާއަށެވެ. އަގުގެ 75 އިންސައްތަ ދެއްކުމުން އެ ކުންފުނީގެ އުސޫލް ހަމަޖެހިފައިވާ ގޮތުން ކިޔޫގައި އެ ފަރާތެއް ހިމެނިގެންދާނެއެވެ.