ހައްޖަށް މީހުން ގެންދިޔުމަށް މިއަހަރު ރާއްޖެއަށް ލިބުނު 453 ކޯޓާވެސް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ސަރުކާރުން ނިންމަވައިފިއެވެ.
މިކަން ހާމަ ކުރައްވައި އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، މިއަހަރު ރާއްޖެއަށް ލިބުނު ހުރިހާ ކޯޓާއެއް ޙައްޖު ކޯޕަރޭޝަނަށް ދިނުމަށް ނިންމެވީ ހައްޖަށް މީހުން ގެންދިއުމަށް އަމިއްލަ ޖަމާއަތްތަކަށް ހުޅުވާލައިގެން، ޕްރޮޕޯސަލް ހުށައަޅައި، އިވެލުއޭޓް ކުރުމަށް އެކަށީގެންވާ މުއްދަތެއް ނެތުމުން ކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، ރާއްޖެއަށް ލިބުނު 453 ކޯޓާގެ ތެރެއިން 100 ކޯޓާ އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް މީހުން ގެންދިއުމަށް ހައްޖު ކޯޕަރޭޝަނާއި ހަވާލު ކޮށްފައިވާ ކަމަށެވެ. އަދި އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަ ކޮށްފައިވާ 100 ކޯޓާއަށް މިހާރު ޙައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ކިޔުއި ތިބި ފަރާތްތަކަށްވެސް މި އަހަރު ހައްޖަށް ގެންދިއުމަށް ކުރިމަތިލުމުގެ ފުރުސަތު އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.
އާއްމުންނަށް ހުޅުވާލައިގެން ހައްޖަށް ގެންދިއުމަށް ހާއްސަކޮށްފައިވާ 100 ކޯޓާގެ ތެރެއިން ހައްޖަށް ދިއުމަށް އެދި ހުށަހެޅުމުގައި އަމަލުކުރާނެ އުސޫލެއް ހައްޖު ކޯޕަރޭޝަނުން އާއްމު ކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކުރައްވާފައެވެ.
މީގެ އިތުރުން ސަޢޫދީ ޢަރަބިއްޔާގެ ކަމާބެހޭ ފަރާތްތަކާއެކު ރާއްޖެއަށް އިތުރު ކޯޓާ ހޯދުމާ ގުޅޭ ގޮތުން އަދިވެސް ދިވެހި ސަރުކާރުން މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!