ޒުވާން ލީޑަރުންތަކެއް ހެޔޮގޮތުގައި ތަމްރީނު ކުރުމުގެ މަގުޞަދުގައި ބޭއްވޭ “ޔޫތު ފޯރަމް 2022“ ށ. މިލަންދޫގައި ފަށައިފިއެވެ.

ކީރިތި ގުރުއާނުގެ ބަރަކާތުން މިފޯރަމް ފައްޓަވައިދެއްވީ މިލަންދޫގެ ފަޚްރުވެރި ޒުވާން ކަނބަލެއް ކަމުގައިވާ އަލް ޙާފިޛާ ޢާއިޝަތު ތޫލާ ޢަންވަރެވެ.

Ad
rt

މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓްރީ އޮފް ހޯމް އެފެއާޒުގެ މިނިސްޓަރ އޮނަރަބަލް ޢިމްރާން ޢަބްދުالله އެވެ. މި ރަސްމިއްޔާތު ޚާއްޞަކޮށްފައިވަނީ މަރުހަބާ ދެންނެވުމާއި އެކިގޮތްގޮތުން މިފޯރަމް ފުރިހަމަ ކުރެއްވުމަށްޓަކައި މަސައްކަތް ކޮށްދެއްވި ފަރާތްތަކަށް ޝުކުރު ދެންނެވުމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އިމްރާނާއި މިލަންދޫ ދާއިރާގެ މެންބަރު ޢަލީ ރިޒާގެ އިތުރުން މިލަންދޫ ކައުންސިލްގެ ރައީސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޔޫތު ލީޑާސް ނެޓްވޯކުގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޢާއިޝަތު ޒާހިރުވެސް ވާހަކަފުޅުދެއްކެވި އެވެ.

ޢާއިޝަތު ޒާހިރު ވިދާޅުވީ މިފޯރަމްއަކީ ޔޫތު ލީޑާސް ނެޓްވޯކްގެ ފަރާތުން މިއަހަރު ބާއްވާ ފުރަތަމަ ފޯރަމްކަމަށެވެ. މީގެކުރީ އަހަރުތަކުގައިވެސް މިފަދަ އެތައް ފޯރަމްތަކެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށް ގެންގޮސްފައިވާނެކަމަށް އެކަމަނާ ވިދާޅުވިއެވެ. އިތުރަށް އެކަމަނާ ފާހަގަ ކުރެއްވީ މިލަންދޫ މުޢައްސަސާތަކާއި މިލަންދޫގެ ރައްޔިތުންގެ ފަރާތުން ފޯރަމްގައި ބައިވެރިވި އެހެން ރަށްރަށުގެ ފަރާތްތަކަށް ބަހައްޓަވާ ގާތްކަމާއި އޯގާތެރިކަމެވެ. އަދި އެކަމަށް މިލަންދީގެ ރައްޔިތުންނަށް އެކަމަނާވަނީ ޚާއްސަ ޝުކުރެއް ދަންނަވާފައެވެ.

މިލަންދޫ ކައުންސިލްގެ ރައީސް ވާހަކަ ފުޅުދައްކަވަމުން ވިދާޅުވީ މިފޯރަމް ބޭއްވުމަށް މިލަންދޫ އިޚުތިޔާރު ކުރެއްވީތީ މިނިސްޓަރ ޢިމްރާނަށް ޝުކުރު ދަންނަވާކަމަށެވެ. އަދި ކުރަމުން މިދާ ވިއްސާރައަކަށް ބެއްލެވުމެއްނެތި މި ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް ވަޑައިގެންދެއްވީތީ އެކަމަށްވެސް ޝުކުރު ދަންނަވާކަމަށެވެ.

މީގެ އިތުރުން މިފޯރަމް މިލަންދޫއަށް ގެންނެވުމަށްޓަކައި ދާއިރާގެ މެންބަރު ޢަލީ ރިޒާ އާއި އަތޮޅުކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސިޔާމް ކޮށްދެއްވި ބުރަ މަސައްކަތްޕުޅު ކައުންސިލްގެ ރައީސް ފާހަގަކިރެއްވެވިއެވެ.

މިނިސްޓަރ ޢިމްރާނުގެ ވާހަކަފުޅުގައި ޒުވާނުން ހުންނަންޖެހޭނެ ވަރުގަދަ ޞިފަތައްވަނީ ފާހަގަ ކުރައްވަވާފައެވެ. އެގޮތުން ވިދާޅުވީ ގައުމެއްގެ މުސްތަޤުބަލު ބިނާވާނީ އެޤައުމެއްގެ ޒުވާނުންގެ މައިބަދައިގައި ވަރުހުރި މިންވަރެއްގެ މައްޗަށްކަމަށެވެ. މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ މިނިސްޓްރީއޮފް ހޯމް އެފެއާޒުން، ޔޫތު ލީޑާސް ނެޓްވޯކުގެ ނަމުގައި ނެޓުވޯކެއް އުފައްދާ ޒުވާން ލީޑަރުން އުފައްދާ މިފަދަ ފޯރަމްތައް މި ހިންގަނީ ހޯމް މިނިސްޓްރީ އާއި މަތިކޮށްފައިވާ ޤައުމުގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެވޭނީ ޤައުމުގެ ހެދި ބޮޑުވަމުން އަންނަ ޒުވާން ޖީލަކީ ރިވެތި މަތިވެރި ހަރުދަނާ ސިފަތައްހުރި ޖީލަކަށް ހެދިގެން ކަމަށްވާތީކަމަށެވެ.

މީގެ އިތުރުން ގައުމުގެ ޒުވާން ޖީލަކީ ހެޔޮލަފާ މުވާޠިނުން ކަމުގައި ހަދައިގެން މެނުވީ ޤައުމުގެ މުސްތަޤުބަލު ހޯދާ ނުފެންނާނެކަމަށެވެ. އަދި ތާރީޚުން ފެންނަންއޮތީ ޤައުމަށް ދިމާވި ކޮންމެ ގޮންޖެހުމަކުން އަރައިގަނެވިފައިވަނީ ޒުވާން ކާބަފައިން، ޒުވާން ހިތްވަރުގަދަ ބަޠަލުން ނިކުންނަވައިގެން ކަމަށެވެ. ފެށިގެންމިދާ ޔޫތު ފޯރަމުން ޒުވާނުންނަށް ފައިދާކުރުވަނިވި އެތައް ފިލާވަޅަކާއި ތަމްރީނުތަކެއް ލިބިގެން ދާނެކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ޢަލީ ރިޒާ ވަނީ އެބޭފުޅާގެ ހަޔާތުގައި ލީޑަރަކަށްވުމަށް އެބޭފުޅާ ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ތަޖުރިބާތައް ފޯރަމްގެ ބައިވެރިންނާއި ހިއްސާކުރައްވާ، ކޮންމެ ޒުވާނަކީވެސް ލީޑަރަކަށް ވެވިދާނެ ޒުވާނެއްކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ވިދާޅުވީ ލީޑަރަކަށްވުމަށް ވަކި ދާއިރާއެއްގައި މަސައްކަތް ކުރަން ނުޖެހޭކަމަށާއި އެބޭފުޅަކު މަސައްކަތް ކުރާ ކޮންމެ ދާއިރާއަކުންވެސް ލީޑަރަކަށް ވެވިދާނެކަމަށެވެ.

އެގޮތުން މިފޯރަމް ފުރިހަމަ ކުރެއްވުމަށްފަހު މުޖުތްމަޢަށް ފައިދާ ކުރުވަނިވި އެތައް ލީޑަރުންނެއް މުސްތަޤުބަލުގައި ފެނިގެންދާނެކަމަށް އުންމީދުކުރައްވާ ކަމުގައި ވިދާޅުވިއެވެ.

މިފޯރަމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކި ސެޝަންތަކަށް ބަހާލައިގެން ތިންދުވަހުގެ ނިޔަލަށެވެ. މިލަންދޫ ސުކޫލު މަލްޓި ޕާޕޯސް ހޯލުގައި މިފޯރަމް ކުރިއަށްގެންދަން ހަމަޖެހިފައިވާއިރު، މި ފޯރަމްގައި އެކި ދަައިރާތަކުން ބައިވެރިންނަށް މަޢުލޫމާތާއި ތަމްރީނުދޭނެއެވެ.