ރައީސުލްޖުމްޙޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙާއިއެކު، ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ޤައުމަށް ހެޔޮގޮތް ހޯދައިދެވޭނެ ކަމަށް ހޯމް މިނިސްޓަރު އަދި ވެރިކަންކުރާ އިއްތިހާދުގެ އެއްބައިވެރިޔާ، އަދާލަތު ޕާޓީގެ ރައީސް ސެއިޚް އިމްރާން ޢަބުދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ އިއްޔެ ކުރިއަށް ދިޔަ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި ޗެއާޕާސަންކަން ކާމިޔާބު ކުރެއްވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢީލް (ފަޔާ) އަށާއި، އެމްޑީޕީއަށް މަރުޙަބާ ކިޔުއްވައި ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ޓްވީޓްގައި އިމްރާން ވިދާޅުވެފައި ވަނީ، ބައެއް ހާލަތްތަކުގައި ސިޔާސީ ޕާޓީތަކުގެ އެތެރޭގެ މަސްލަހަތުތަކަކީ މުޅި ޤައުމުގެ ރައްޔިތުންގެ މަސްލަހަތުތަކާއި ގުޅުން ހުރިކަންކަން ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ރައީސް ޞާލިޙާއިއެކު ކޯލިޝަން ޕާޓީތައް އެކުގައި މަސައްކަތްކޮށް ޤައުމާއި ރައްޔިތުންނަށް ހެޔޮގޮތް ހޯދައިދެވޭނެ، މަރުޙަބާ ފަޔާ އަދި އެމްޑީޕީ" އިމްރާން ވިދާޅުވެފަވެއެވެ.

އިއްޔެ އިންތިޚާބުގައި 94،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިދީފައިވާއިރު، 282 ވޯޓު ފޮށި ބެހެއްޓިއެވެ.

މި އިންތިޚާބު ފަޔާ ކާމިޔާބު ކުރެއްވީ ވޯޓުލީ މީހުންގެ 58 ޕަސެންޓް ހޯއްދަވައިގެންނެވެ. އެއީ 28،514 ވޯޓެވެ. ފަޔާއާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) އަށް 42 ޕަސެންޓާއެކު 20،856 ވޯޓު ލިބިވަޑައިގަތެވެ.

އިމްރާން މި މޭރުމުން ވިދާޅުވެފައިވާއިރު މި ވެރިކަމަކީ އިއްތިހާދެއްގެ ގޮތުގައި ޕާޓީތަކެއް ބައިއަތު ހިފައިގެން ކާމިޔާބުކޮށްފައިވާ ވެރިކަމެވެ. އެ އިއްތިހާދުގައި އެމްޑީޕީއާއި، އަދާލަތު ޕާޓީގެ އިތުރުން ދެން ހިމެނެނީ ޖުމްހޫރީ ޕާޓީއާއި އަދި އެމްއާރުއެމް އެވެ.