ދިވެހި ބަހަކީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއް އަދި ދިވެހި ވަންތަ ކަމުގެ ރަމްޒެއްކަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ރޭ ކުރިއަށް ދިޔަ ވާހަކަ ދެއްކުމުގެ ޤައުމީ މުބާރާތް ފެށުމާއި، ދިވެހި ބަހުގެ ދުވަސް ފާހަގަ ކުރުމުގެ ރަސްމީ ޖަލްސާގައެވެ.

Ad
rt

ޔުމްނާ ވިދާޅުވީ، ދިވެހި ބަހަކީ ލިބިފައިވާ ވަރަށް ބޮޑު ނިޢުމަތެއް، ޚާއްޞަ ސިފައެއް ކަމަށެވެ. އަދި އެއީ ދިވެހި ވަންތަ ކަމުގެ ރަމްޒެއް ކަމަށާއި، ދިވެހިންގެ އާދަކާދައާއި ތާރީޚާއި ސަގާފަތާއި މިހުރިހާ ކަމެއް ގުޅުވާލަދޭ އެންމެ މުހިންމު ވަސީލަތް ކަމަށެވެ. އެހެންކަމުން ދިވެހި ބަހަށް ރައްކާތެރިވެ ކުރިއަރުވަން އިތުރުސަމާލުކަން ދޭންޖެހޭ ކަމަށް ވިދާޅުވިއެވެ.

ވާހަކަ ދެއްކުމުގެ ހުނަރަކީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައި ވެސް ވަރަށް މުހިންމު ހުނަރެއްކަން ފާހަގަކުރައްވައި، އެއީ އެމީހެއްގެ ޒާތީ ދިރިއުޅުމުގައި ވެސް މަސައްކަތުގެ މާހައުލުގައި ވެސް އަބަދުމެ ބޭނުންކުރަންޖެހޭ ހުނަރެއް ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އަދި ތިމާގެ ޝުޢޫރުތަކާއި ޚިޔާލުތައް ރަނގަޅު ގޮތުގައި ފާހަގަކުރަން އިނގުމަކީ ވަރަށް މުހިންމުކަމެއް ކަމަށާއި، އެގޮތުން ބޭއްވޭ މުބާރާތްތަކުން ލިބޭ ފުރުޞަޠުތަކުގައި ދަރިވަރުން އެ ހުނަރުތައް ހޯދައި ގަތުމަކީ ވަރަށް މުހިންމުކަމެއްގޮތުގައި ފާހަގަ ކުރެއްވިއެވެ.

"މަޒުމޫނާއި، ވާހަކަލިޔުމާއި، އަތުލިޔުމަކީ ހައްތަހާވެސް މުހިންމު ބަހަވީ ހުނަރުތައް، މިއީ ހައްތަހާވެސް ދިރިއުޅުމުގެ މައިދާންތަކުގައި ބޭނުންކުރަންޖެހޭ ހުނަރުތައް، މި ފުރުސަތުތަކުގެ ބޭނުންކުރަން އިލްތިމާސްކުރަން" ޔުމްނާ ވިދާޅުވިއެވެ.

ޔުމްނާ ވިދާޅުވި ގޮތުގައި ދިވެހިބަހުގެ އެކަޑަމީންނާއި، މަދަރުސާތަކުންނާއި އަދި މިނޫންވެސް ބައެއް ފަރާތްތަކުން ކުރިއަށް ގެންދާ އަދަބީ ހަރަކާތް ތަކަކީ ބަހުގެ ހުނަރު ކުރިއެރުވުމަށް ލިބިދޭ މުހިންމު ފުރުސަތުތަކެއް ކަމަށެވެ. މިފަދަ މުބާރާތްތަކުން ލިޔުމާއި ވާހަކަ ދެއްކުމުގެ އިތުރުން އަމިއްލަ ނަފުސަށް އިތުބާރު ކުރާށާއި، ކުދިންގެ ވިސްނުމާއި ޚިޔާލާއި ޝުޢޫރުތައް ރަނގަޅުގޮތުގައި ފާޅުކުރަން ވަރަށް މުހިންމު ކަންތައްތަކެއް ދަސްވެގެން ދާކަމަށް ވިދާޅުވިއެވެ. އަދި އެއީ ބަސްކުރިއެރުވުމުގެ މަސައްކަތްތަކެއްކަން ފާހަގަކުރެއްވިއެވެ.

"ހަޤީޤަތުގައި ދިވެހިބަސް ކުރިއަރައިގެން ދާނީ އެބަހުން ރަނގަޅަށް ވާހަކަ ދައްކަން އިނގޭ، ރަނގަޅަށް ލިޔަން އިނގޭ ރަނގަޅަށް މުއާމަލާތު ކުރަން އިނގޭ ޖީލުތަކެއް ބިނާކުރެވިގެން" ޔުމްނާ ވިދާޅުވިއެވެ.

ރޭގެ ރަސްމިއްޔާތުގައި އިފްތިތާހުކުރި ދިވެހި ބަހުގެ ރަދީފުގެ އެޕާއި ގުޅިގެން ވަޒީރު ވިދާޅުވީ، އެ ޕަކީ ޒަމާނީ ޓެކްނޮލޮޖީގެ މަންސަތަކުގައި ދިވެހި ބަސް ކުރިއަރުވައި، ޒަމާނީ ޓެކްނޮލޮޖީގެ ތެރެއިން އުފެދިގެން އަންނަ އީޖާދީ އުފެއްދުންތަކުގައި ދިވެހި ބަސް ހިމެނުމަށް ކުރެވިފައިވާ މުހިންމު މަސައްކަތެއް ކަމަށެވެ.

"މި އެޕަކީ ދިވެހި ބަސްފޮތް ފަސޭހަކަމާއެކު ބޭނުންކުރެވި އޭގެ މަންފާ ގިނަ ބަޔަކަށްކުރާނެހެން ފަހިކުރެވުނު މަގެއް، މި މަސައްކަތްކޮށް ދެއްވި އަޙްމަދު ނަދީމަށް ސާބަހާއި، ޝުކުރު ދަންނަވަން، ތިޔަކޮށްދެއްވި މަސައްކަތަކީ ދިވެހިބަސް ކުރިއަރުވަން ކޮށްދެއްވި އަގުހުރި މަސައްކަތެކޭ އަޅުގަނޑު ދަންނަވާނީ" ވަޒީރު ވިދާޅުވެފަވެއެވެ.