އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ މެންޗެސްޓާ ސިޓީއާއި ނިއުކާސަލް ބައްދަލުކުރި މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ އެއްވަނާގައި ސިޓީން ފަރަގު ބޮޑުކޮށްފިއެވެ. ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި ޓޮޓެންހަމް ބައްދަލުކުރި މެޗު އެއްވަރު ވުމާއިއެކު، މިރޭގެ މެޗަށް ސިޓީން ނުކުތްއިރު ޕޮއިންޓް ތާވަލުގެ އެއްވަނާގައި ފަރަގު ބޮޑު ކުރުމުގެ ފުރުޞަތު އެ ޓީމަށް އޮތީ ހުޅުވިފައެވެ. ވުމާއެކު ނިއުކާސަލްއާއި ދެކޮޅަށް ސިޓީން ވަނީ މޮޅުކުޅުމެއް ދައްކައި ލިބެން އޮތް އެޑްވާންޓޭޖް ފުރިހަމައަށް ނަގާފައެވެ.
މެޗުގައި ސިޓީން ފުރަތަމަ ލަނޑު ޖަހާފައި ވަނީ 19 ވަނަ މިނެޓުގައެވެ. މި ލަނޑު ކެންސެލޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރަހީމް ސްޓާލިންއެވެ. މީގެ އިތުރުން ފުރަތަމަ ހާފު ނިމުމުގެ ކުރިން ސިޓީން ވަނީ އިތުރު ލަނޑެއް ކާމިޔާބު ކޮށްފައެވެ. މި ލަނޑު 38 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީފައި ވަނީ ލަޕޯޓެވެ.
ސިޓީން ދެވަނަ ހާފުގައި ތިން ލަނޑު ޖެހިއިރު، މެޗުގެ ތިންވަނަ ލަނޑު 61 ވަނަ މިނެޓުގައި ޑިބްރޭނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ރޮޑްރީއެވެ. ހަތަރުވަނަ ލަނޑު 90 ވަނަ މިނެޓުގައި ޒިންޗެންކޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައޮ ފިލް ފޮޑެން ކާމިޔާބު ކޮށްދީފައިވާއިރު، ފަސްވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ސްޓާލިންއެވެ.
މި މޮޅާއެކު ދެވަނާގައި އޮތް ލިވަޕޫލުގެ މައްޗަށް ސިޓީއަށް ވަނީ ތިން ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. ސިޓީއަށް 35 މެޗުނ 86 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލަށް 35 މެޗުން ލިބިފައި ވަނީ 83 ޕޮއިންޓެވެ. މެޗުން ބަލިވި ނިއުކާސަލް މިވަގުތު އޮތީ ތާވަލުގ 13 ވަނާގައެވެ. އެ ޓީމަށް 36 މެޗުން ލިބިފައި ވަނީ 43 ޕޮއިންޓެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!