އިނގިރޭސި ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހުގެ ރޭ އާސެނަލްއާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރި މެޗު ކާމިޔާބުކޮށް އާސެނަލް އިން ގަދަ ހަތަރެއްގެ އުންމީދު ދަމަހައްޓައިފިއެވެ. އާސެނަލްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ވަރަށް ކުރީކޮޅު އާސެނަލުން ވަނީ ދެ ލަނޑުގެ ލީޑެއް ނަގާފައެވެ. މިގޮތުން އާސެނަލްއިން ފުރަތަމަ ލަނޑު މެޗުގެ ފަސްވަނަ މިނެޓުގައި، ލީޑްސްގެ ކީޕަރު އިލަން މެސްލަރއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން ކާމިޔާބު ކޮށްފައި ވަނީ ކެޓިއާއެވެ. އޭގެ ފަސްމިނެޓް ފަހުން މާޓިނެއްލީ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކެޓިއާ ވަނީ އިތުރު ލަނޑެއް ޖަހައި އާސެނަލްއަށް ލީޑު ފުޅާކޮށްދީފައެވެ.
މެޗުގައި ލީޑްސްއަށް އިތުރު މައްސަލަތަކާއި ކުރިމަތިވެފައި ވަނީ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި އެ ޓީމްގެ ލޫކޭ އައިލިން ކުރި ފައުލަކަށް އޭނާއަށް ރަތްކާޑު ދެއްކުމުންނެވެ. ވުމާއެކު މެޗުގެ ބޮޑުބައި އެ ޓީމުން ކުޅެފައިވަނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗު ކޮންޓްރޯލް ކޮށްގެން އާސެނަލުން ކުޅުނު ނަމަވެސް ލީޑްސްއިން ވަނީ މެޗުގެ 66 ވަނަ މިނެޓުގައި ލަނޑުޖަހައި ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު ފިރްޕޯ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑިއެގޯ ލޮރެނޓޭއެވެ.
މި މެޗުން ލީޑްސް ބަލިވުމާއެކު އެ ޓީމަށް ވަނީ ރެލިގޭޝަންގެ ބިރާއި ކުރިމަތިލާން ޖެހިފައެވެ. މިވަގުތު ޕޮއިންޓް ތާވަލު އޮތްގޮތަށް ބަލައިލާއިރު، އާސެނަލް ތާވަލުގެ ހަތަރު ވަނާގައި އޮތީ ކުޅުނު 35 މެޗުން ލިބުނު 66 ޕޮއިންޓާއި އެކުގައެވެ. ފަސްވަނާގައި އޮތް ޓޮޓެންހަމް ވެސް ގަދަ ހަތަރަކަށް ވާދަކުރަމުން އަންނައިރު އެ ޓީމަށް ލިބިފައި ވަނީ 35 މެޗުން 62 ޕޮއިންޓެވެ. ލީޑްސް މިވަގުތު އޮތީ ކުޅުނު 35 މެޗުން ލިބުނު 34 ޕޮއިންޓާއިއެކު ތާވަލުގެ 18 ވަނާގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!