އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ މެންޗެސްޓާ ޔުނައިޓެޑާއި ބްރައިޓަން ބައްދަލުކުރި މެޗުގައި، ބްރައިޓަން އަތުން ތަފާތު ބޮޑު ނަތީޖާއަކުން ޔުނައިޓެޑް ބަލިވެއްޖެއެވެ. ބްރައިޓަންގެ ދަނޑުގައ ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވެފައި ވަނީ 4-0 ގެ ނަތީޖާއަކުންނެވެ.

ޔުނައިޓެޑްގެ ފަރާތުން ދައް ކުޅުމެއް ފެނިގެންދިޔައިރު، ބްރައިޓަންއިން ވަނީ މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ހިތްގައިމު މޮޅު ކުޅުމެއް ކުޅެފައެވެ. ބްރައިޓަންއިން ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފައި ވަނީ މެޗުގެ 15 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ މޮއިސެސް ކެއިސެޑޯއެވެ.

Ad
rt

މެޗުގެ ދެވަނަ ހާފުގައި ބްރައިޓަންއިން ތިން ލަނޑު ޖަހާފައިވާއިރު، މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު 49 ވަނަ މިނެޓުގައި ޓްރޮސާޑް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ މާކް ކުކުރެއްލާއެވެ. ބްރައިޓަންގެ ތިންވަނަ ލަނޑު 57 ވަނަ މިނެޓުގައި މާކް ކުކުރެއްލާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕަސްކަލް ގްރޮސްއެވެ. އޭގެ ތިންމިނެޓް ފަހުން ބްރައިޓަންގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދީފައި ވަނީ ޓްރޮސާޑެވެ.

މެޗުގެ ފަހުބައިގައި ޔުނައިޓެޑުން ޓީމް ކުރިއަށް ޖައްސައި ލަނޑުޖަހަން މަސައްކަތް ކުރިނަމަވެސް އެ ޓީމަށް ލަނޑު ޖަހާނެ މާ ގިނަ ފުރުޞަތެއް ހޯދިފައި ނުވެއެވެ. ކަވާނީއަށް ލިބުނު ހުސް ފުރުޞަތެއްގައި ބޮލުން ފޮނުވާލި ބޯޅަ ބްރައިޓަންގެ ކީޕަރު ދިފާއުކުރި އިރު، ބްރޫނޯ ފެނާންޑޭޒް ފޮނުވާލި ބާރު ހަމަލާވެސް ބްރައިޓަންގެ ކީޕަރު ވަނީ މަތަކޮށްފައެވެ.

މި ބައްޔާއެކު ޔުނައިޓެޑް އަންނަ ސީޒަންގެ ޗެމްޕިއަންސް ލީގަށް ކޮލިފައިނުވާނެ ކަން ޔަޤީވެނަފައިވާއިރު، އެ ޓީމަށް ޔޫރަޕާ ލީގުގެ ޖާގަ ވެސް ގެއްލުމުގެ ބިރާ މިހާރު ވަނީ ކުރިމަތިލާން ޖެހިފައެވެ.

ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ޗެލްސީއާއި ވުލްވްސް ބައްދަލުކުރި މެޗު ނިމިފައި ވަނީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރު ވެގެންނެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައި ނުވިނަމަވެސް މެޗުގެ ދެވަނަ ހާފުގައި ލުކަކޫ ވަނީ ދެ ލަނޑުގެ ލީޑެއް ޗެލްސީއަށް ހޯދައިދީފައެވެ. ނަމަވެސް ވުލްވުސްއިން ވަނީ މެޗުގެ ފަހުބައިގައި ދެ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ.

މިވަގުތު ކުޅުނު 37 މެޗުން ލިބުނު 58 ޕޮއިންޓާއިއެކު ޔުނައިޓެޑް ތާވަލުގެ ހަވަނާގައި އޮތްއިރު، ދެ މެޗު މަދުންކުޅެ ތާވަލުގެ ހަތްވަނާގައި 52 ޕޮއިންޓާއި އެކު އޮތީ ވެސްޓްހަމެވެ. ޗެލްސީ މިވަގުތު ތިންވަނާގައި އޮތީ 35 މެޗުން ލިބުނު 67 ޕޮއިންޓާއި އެކުގައެވެ. ހަތަރު ވަނާގައި އާސެނަލް އޮތީ ކުޅުނު 34 މެޗުން ލިބުނު 63 ޕޮއިންޓާއި އެކުގައެވެ.