6 މޭ 2021 ގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާގެ ޝަރީޢަތް ލަސްވުމަކީ ބޮޑު ކަންބޮޑުވުމެއްކަމަށް ރައްޔިތުންގެ މަޖިިލިސްއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށްޓަކައި ދިން ޓެރަރިސްޓް ހަމަލާއަށް އެއްއަހަރު ފުރުމާ ގުޅޭގޮތުން އެ އިދާރާއިން މިއަދު އާންމު ކުރި ނޫސްބަޔާނެއްގައި ބުނީ، 6 މޭ 2021 އަކީ ދިވެހިރާއްޖެއަށް ކުރިމަތިވި އަނދިރި، ނާމާން ދުވަހެއް ކަމަށެވެ.

Ad
rt

އެ ދުވަހުގެ ރޭ ދިން އެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަކީ، ހަމައެކަނި، ޑިމޮކްރެޓިކް ނިޒާމުގެ ތެރެއިން އިންތިޚާބުވި ދިވެހިރާއްޖޭގެ ފުރަތަމަ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް ދިން ހަމަލާއެއް ނޫންކަމަށް ވެސް މަޖިލީހުން ބުނެފައި ވެއެވެ.

"އެ ހަމަލާއަކީ ދިވެހި ދައުލަތާއި މުޅި ދިވެހި މުޖްތަމަޢާ ދެކޮޅަށް ދިން ހަމަލާއެކެވެ. ޤާނޫނުގެ ބާރާއި ދީމިޤްރާތީ މުއައްސަސާތަކަށް ދިން ހަމަލާއެއްވެސްމެއެވެ. ދިވެހިން ނަގާކޮޅަށް ޖަހާފައިވާ މުޅި އިޤްތިޞާދަށްވެސް ލޮޅުން އައިސް، ދިވެހި ދައުލަތުގެ ރީތި ނަމާއި ދުނިޔޭގެ ކަންކޮޅުތަކުން ރާއްޖެއާމެދު ދެކޭ ރީތި ގޮތާއި ތަޞައްވުރު އެކީއެކަށް ބަދަލުވެދާނެފަދަ ނުރައްކާތެރި ހަމަލާއެކެވެ." -މަޖިލިސް-

މަޖިލީހުން ބުނީ، އެ ހަމަލާގެ ސަބަބުން މުޅި ދިވެހިރާއްޖޭގެ އަދި އަންނަންއޮތް ޖީލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާމެދު ސުވާލު އުފެދި ބިރުވެރިކަން އުފެދިފައިވާ ކަަށެވެ.

"އެ ހަމަލާއަށް މިއަދު އެއް އަހަރު ފުރިގެންދާއިރު، އެ ހަމަލާ ދިންކަމަށް ތުހުމަތުކުރެވޭ ފަރާތްތަކުގެ ޝަރީޢަތް ލަސްވުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. ޝަރީޢަތް ނިމިފައިވަނީ އެންމެ ފަރާތެއްގެއެވެ. އަދި، އެ ހަމަލާ ދިނުމުގައި ބައިވެރިވިކަމަށް ތުހުމަތުކުރެވޭ ބާކީ ތިބި 8 ފަރާތުގެ ޝަރީޢަތް ވަނީ އެކި ސަބަބުތަކާހުރެ ވަރަށް ބޮޑަށް މަޑުޖެހިފައެވެ." މަޖިލީހުން ބުނެފައިވެއެވެ.

މެއި 6 ގެ ހަމަލާގެ ފަހަތުގައި ތިބި މީހުންނާމެދު އަހަންމިއްޔަތުކަން ދީފައި ނުވާތީ ކަންބޮޑުވޭ: ނަޝީދުގެ ޢާއިލާ

މަޖިލީހުން ބުނީ، އެ ހަމަލާގެ ސަބަބުން ރައީސް ނަޝީދުގެ މިނިވަންކަމާއެކު ދިރިއުޅުއްވައި އެއްތަނުން އަނެއްތަނަށް ވަޑައިގެންނެވުންވަނީ ވަރަށް ބޮޑަށް ހިފެހެއްޓިފައިކަމަށެވެ. އަދި އެ ހަމަލާއަށް އިންސާފު ލިބިވަޑައިނުގަންނަވާހާ ހިނދަކު، އެ މަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅުގައި ވާޖިބާއި މަސްއޫލިއްޔަތު އަދާކުރެއްވުން އަދި މިނިވަންކަމާއެކު ދިރިއުޅުއްވުމުގެ ޙައްޤުވަނީ ވަރަށް ބޮޑަށް ހަނިކުރެވިފައި ކަމަށެވެ.

"އެހެންކަމުން، އެ ޓެރަރިސްޓް ހަމަލާގެ ފަހަތުގައި ތިބި މާލީ ވާގިވެރިންނާއި، އެހެނިހެން ފަރާތްތަކުގެ މައްސަލަ އަވަހަށް
ތަޙްޤީޤުކުރުމުގެ މުހިންމުކަން މި ހިނދުގައި ފާހަގަކުރަމެވެ."- މަޖިލިސް -

ދިވެހިރާއްޖޭގައި ޓެރަރިސްޓް ހަމަލާތައް ދެވޭ މިންވަރު އިތުރުވަމުން އައިސް، ރައީސް ނަޝީދަށް އަމާޒުކޮށްދިން އެ ހަމަލާއަކީ، ފަހުގެ ތާރީޚެއްގައި އެފަދައިން ދިން އެންމެ ބޮޑު ހަމަލާކަމަށާއި، އެފަދަ ހުރިހާ ހަމަލާތަކެއް ތަޙްޤީޤުކޮށް، ޝަރީޢަތް ހިންގައި، އެކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް އިންސާފުގެ ކުރިމަށްޗަށް ގެނައުމަކީ މި ޤައުމުގެ ހުރިހާ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރަންޖެހޭ ކަމެއްކަމަށް ވެސް މަޖިލީހުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

ހަމަލާއިން ނަޝީދު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް: އެމްޑީޕީ

ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެހާދިސާ ހިނގީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށެވެ.

އެ ހާދިސާއާއި ގުޅިގެން 16 ގަޑި އިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ. އެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ.

އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގަތީ ޖަރުމަނު ވިލާތަށެވެ. ޖަރުމަނު ވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާއެކު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތަށް ވެސް ވަޑައިގަތެވެ.