މިދިޔަ އަހަރުގެ މެއި 6 ވަނަ ދުވަހު ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާގެ ތަހުގީގު ފުޅާކޮށް ދިނުމަށް ރައީސް ނަޝީދުގެ ޢާއިލާއިން އެދިއްޖެއެވެ.
ބޮމުގެ ޙަމަލާއަށް އަހަރެއް ފާއިތުވުމާ ގުޅިގެން ރައީސް ނަޝީދުގެ ޢާއިލާއިން މިއަދު ވަނީ ނޫސްބަޔާނެއް ނެރެފައެވެ.
މި ނޫސްބަޔާނުގައި ރައީސް ނަޝީދުގެ ޢާއިލާއިން ވަނީ، ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއަށް އެއް އަހަރު ފުރުނު ހިނދުވެސް، އެ މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީޢަތްތައް ދިގުލައިގެން ދާތީ، ކަންބޮޑުވުން ފާޅުކޮށްފައެވެ.
"އެ ޙަމަލާގެ ބައެއް ބައިވެރިން ހައްޔަރުކޮށް ދައުވާކޮށްފައިވާއިރު، ޙަމަލާގެ ކުރީސަފުގައި ފެނިލި މީހުންގެ ފުރަގަހުގައި ތިބި ފަސްހަނގުރާމަވެރިންނާ މެދު އަހަންމިއްޔަތުކަން ދީފައިނުވާތީ ވެސް ކަންބޮޑުވެއެވެ. މައްސަލައާގުޅޭ ގުޅުންތައް ތަނަވަސް ގޮތެއްގައި ތަޙްޤީޤުކޮށްފައި ނެތުމުންނެވެ." ނޫސްބަޔާނުގައި ނަޝީދުގެ ޢާއިލާއިން ބުނެފައިވެއެވެ.
އެ ޢާއިލާއިން މި ދަނޑިވަޅުގައި ވެސް އެދެނީ، މި ޙަމަލާ ހިންގުމަށް ފައިސާ ޚަރަދުކުރި ފަރާތްތައް ހޯދުމަށްޓަކައި، ވަރުގަދަ
ތަޙްޤީޤެއް އަދިވެސް ހިންގުމަށް ކަމަށް އެ ބަޔާނުގައި ބުނެފައި ވެއެވެ.
"މިކަން މިގޮތަށް ކޮށްފައި ނެތުމުން، ރައީސް ނަޝީދުގެ ޖާނާއި އެ މަނިކުފާނު ފަދައިން ޝިކާރައަކަށް ވެފައިވާ އެހެން ފަރާތްތަކުގެ ވަށައިގެން ބިރުވެރިކަމުގެ މާހައުލެއް އުފެދިފައިވެއެވެ. މިކަމުގައި، ޢަދުލުއިންޞާފު ޤާއިމުވެފައި ނެތުމުން، މުޅި މުޖްތަމަޢުގެ މައްޗަށް ބިރުވެރިކަމުގެ ހިޔަނި އެޅިފައިވާކަމުގައި ޤަބޫލުކުރަމެވެ." -ރައީސް ނަޝީދުގެ ޢާއިލާ-
އެ ޢާއިލާއިން ބުނީ ސެކިއުރިޓީ ސަބަބުތަކާހެދި، ރައީސް ނަޝީދު ހިންގަވާ ޙަރަކާތްތައް ހަނިވެފައިވާތީ، ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން އެމަނިކުފާނު އަދާކުރަންޖެހޭ ކަންކަން ހުއްޓި، ސިޔާސީ ގޮތުންނާއި، އަދި ގާތްތިމާގެ މީހުނާއި ރަޙްމަތްތެރިންނާ އެކު އެމަނިކުފާނު ކުރައްވާން އެދިވަޑައިގަންނަވާ މުޢާމަލާތްތަކަށް ވެސް ހުރަސްއެޅިފައިވާ ކަމަށެވެ.
ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މެއި 6 ވަނަ ދުވަހުގެ ރޭ މަޖީދީމަގުގައި ދެވުނު ބޮމުގެ ހަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށްވަނީ ސީރިއަސް ޒަޚަމްތަކެއް ލިބިވަޑައިގެންފައެވެ. އެހާދިސާ ހިނގީ ރައީސް ނަޝީދުގެ ގެކޮޅު، ގ. ކެނެރީގެ ކައިރީރޭ ކައިރިން ކާރަށް އަރާވަޑައި ގަންނަވަން ވަޑައިގަންނަވަނިކޮށެވެ.
އެ ހާދިސާއާއި ގުޅިގެން 16 ގަޑި އިރުގެ އޮޕަރޭޝަނެއް އޭޑީކޭ ހޮސްޕިޓަލުން ވަނީ ކޮށްފައެވެ. އެ ހަމަލާގެ ގެއްލުން ބޮޑު ކުރުމަށް ބޮމުގެ ތެރެއަށް ހުރީ ބެއަރިން ބޯލްސް ނުވަތަ ރޭޒަރު ފުށް އަޅައިފަ އެވެ. އޭގެ 11 ދަގަނޑު ބޯޅަ ނަޝީދުގެ ހަށިކޮޅުން ޑޮކްޓަރުން ނެންގެވި އެވެ.
އޭޑީކޭގައި ފަރުވާ ހޯއްދެވުމަށްފަހު އެ އަހަރުގެ މެއި މަހުގެ 13 ވަނަ ދުވަހު އިތުރު ފަރުވާއަށް ރައީސް ނަޝީދު ވަޑައިގަތީ ޖަރުމަނު ވިލާތަށެވެ. ޖަރުމަނު ވިލާތުގެ ބަރލިން ބުންޑެސްވެއަރ ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށް ފަހު ޑޮކްޓަރުންގެ ލަފަޔާއެކު އިތުރު ފަރުވާއަށް އިނގިރޭސި ވިލާތަށް ވެސް ވަޑައިގަތެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!