ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އުފާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިޙް މިހެން ވިދާޅުވީ، މިއަދު ފާހަގަކުރާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާގައި ދެއްވި ޚިޠާބު ގައެވެ.
ރައީސްގެ ޚިޠާބުގައި ވަނީ އޭޝިޔާ ސަރަޙައްދަށް ބަލާއިރު، ދިވެހިރާއްޖެއަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު، މިހާރު އެންމެ ފުރިހަމައަށް ލިބިދީފައިވާ، އަދި އެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމައަށް ހިފާ މަދު ޤައުމުތަކުގެ ތެރެއިން އެއް ޤައުމުކަން ފާހަގަ ކުރައްވާފައެވެ. އަދި ދެކުނު އޭޝިޔާގެ ޤައުމުތަކުގެ ތެރެއިން، ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު އެންމެ ފުރިހަމައަށް ލިބިދީފައިވާ ޤައުމު ކަމަށް ވިދާޅުވިއެވެ.
ރައީސްގެ މި ޚީޠާބުގައި ވަނީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙައްޤު ޙިމާޔަތްކޮށްދިނުމަށް ސަރުކާރުން ވެފައިވާ ވަޢުދާ އެއްގޮތަށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފުރިހަމަ މިނިވަންކަމާއި، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤު، ކުރިމަގުގައިވެސް ދިވެހި ނޫސްވެރިންނަށާއި ދިވެހި ރައްޔިތުންނަށް ފުރިހަމައަށް ލިބިދޭނެކަމުގެ ޔަޤީންކަން އަރުވާފައެވެ.
މިނިވަން ނޫސްވެރިކަމަށް ފުރުޞަތު ދިނުމަކީ، ސަރުކާރު ޒިންމާދާރު ކުރުވައި، ޑިމޮކްރެސީ ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވީ، ހަމައެފަދައިން، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރެއިން، ކޮރަޕްޝަނާއި ޚިޔާނާތުގެ އަމަލުތައް ނައްތައިލުމަށްޓަކައިވެސް، ނޫސްވެރިކަމުގެ މިނިވަންކަމާއި މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ފުރިހަމަ މިނިވަންކަން ފަހިކޮށްދީފައި އޮތުން އެހާމެ މުހިންމު ކަމަށެވެ.
އޭގެ އިތުރުން، ކުރިއަރާފައިވާ ޑިމޮކްރެސީތަކުގައި ޤާއިމުވެފައިވާ ފަދަ، ޒިންމާދާރު ނޫސްވެރިކަމެއް ޤާއިމުކުރެވޭނީވެސް، ނޫސްވެރިކަން ހިފެހެއްޓުމުގެ ބަދަލުގައި، ނޫސްވެރިންނަށް ފުރިހަމަ މިނިވަންކަން ދިނުމުންކަން، މިދިޔަ ތިން އަހަރުގެ ތަޖުރިބާއިން ކަށަވަރުވާ ކަމަށް ވެސް ވިދާޅުވިއެވެ.
"ވަރަށް ހަރުކަށި ހިފެހެއްޓުންތަކެއްގެ ތެރޭގައި މީގެ ތިން އަހަރު ކުރިން އޮތް ދިވެހި ނޫސްވެރިކަމަށް ފުރިހަމަ މިނިވަންކަން ދިނުމުގެ ނަތީޖާއާ މެދު މިއަދު އަޅުގަނޑު އުފާކުރަމެވެ. މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން، ނޫސްވެރިންނަށް ފަހިކޮށްދިން މިނިވަން މާޙައުލުގެ ސަބަބުން، ދިވެހި ނޫސްވެރިންގެ ފަރާތުން ފެންނަމުން ދަނީ، ޒިންމާދާރުކަމާއެކު އެބޭފުޅުންގެ ވާޖިބު އަދާކުރައްވައި، ރައްޔިތުންނަށް ކަންކަމުގެ ތެދު މަޢުލޫމާތާއި ޙަޤީޤަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރާ މަންޒަރެވެ." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސް ވިދާޅުވީ، ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން، މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ތެރެއިން ރައްޔިތުންނާ ހަމައަށް ތިލަކުރުމަކީ، ކޮރަޕްޝަންގެ ޢަމަލުތައް ހުއްޓުވުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތު ތަންފީޒުކުރުމަށްވެސް ލިބޭ ބޮޑު ބާރެއް ކަމަށެވެ.
ރައީސް ޚިޠާބުގައި ވަނީ، ނޫސްވެރިކަމުގެ މިނިވަންކަން އެއްވެސް ހިފެހެއްޓުމެއް ނެތި ދީފައި އޮތްނަމަވެސް، ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ މަސްއޫލިއްޔަތެއް އެޅިފައިވާކަން ހަނދާނުގައި ބަހައްޓަންޖޭ ކަމަށް ވިދާޅުވެފައެވެ.
"އެއީ، ޙަޤީޤަތާއި ތެދު މަޢުލޫމާތު ހާމަކުރުމާއި، އަނެކުންގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ޙިމާޔަތްކޮށްދިނުމެވެ. ކިތަންމެ ފުރިހަމަ މިނިވަންކަމެއް ލިބިފައި އޮތަސް، އެ ރޮނގު ހުރަސްކުރުމަކީ ތަހުޒީބީ އެއްވެސް މުޖުތަމަޢެއް ޤަބޫލުކުރާނެ ކަންކަމެއް ނޫނެވެ. ހަމައެފަދައިން ޤައުމީ ބޮޑެތި މައްސަލަތަކާ މެދު ޢާންމު ރައްޔިތުން ހޭލުންތެރިކޮށް، ޤައުމީ ލޯތްބާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަކީވެސް، ނޫސްވެރިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކެކެވެ." ރައީސް ވިދާޅުވެފައިވެއެވެ.
ރައީސްގެ މިއަދުގެ ޚިޠާބުގައި ވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައިވެސް އަދި ޤައުމީ ފެންވަރުގައިވެސް މިވަގުތު ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވާ ތިމާވެށީގެ މައްސަލަތައްކަން ފާހަގަ ކުރައްވާފައެވެ. އެހެންކަމުން ރާއްޖޭގެ ތިމާވެށި ޙިމާޔަތްކުރުމަށްޓަކައި ކުރަންވީ ކަންކަމާ މެދު، ޢާންމު ރައްޔިތުން ހޭލުންތެރިކުރުމުގައި ދިވެހި ނޫސްވެރިންނަށް މިހާރަށްވުރެ ފުޅާ ދައުރެއް އަދާކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.
ވަކިން ޚާއްޞަކޮށް، އެއްފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކްގެ ބާވަތްތައް ބޭނުންކުރުން މަދުކުރުމަށާއި، އެފަދަ ޕްލާސްޓިކް އުފެއްދުންތައް ރާއްޖޭގެ ގޮނޑުދޮށްތަކަށާއި މޫދަށް އުކައިލުން ހުއްޓުވުމުގައިވެސް، ދިވެހި ނޫސްވެރިން މިހާރަށްވުރެ ފުޅާ ދާއިރާއެއްގައި ޙަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގަންނަވާ ކަމެއް ކަމަށް ވެސް ރައީސް ޞާލިޙްގެ ޚިޠާބުގައި ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!