ދުނިޔޭގައި ދިރިއުޅެމުންދާއިރު މާޔޫސްވާ ހާލަތްތަކުގައި ކެތްތެރިކަން އިސްކުރުމަށް ރޭގެ އިޙްޔާ ފޯރަމްގައި ނަސޭހަތްތެރިވެ ވެއްޖެއެވެ.

އިސްލާމިކް މިނިސްޓްރީން ރަމާޟާންމަހު ކުރިއަށް ގެންދަވާ އިޙްޔާ ފޯރަމްގެ ރޭގެ ފޯރަމަކީ މި އަހަރުގެ އެންމެ ފަހު ފޯރަމް އެވެ. އަދި އެ ފޯރަމްގައި ތަޤްރީރު ކުރައްވާފައިވަނީ ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އާއި، އައްޝައިޚް ފައްޔާޟް ޢަލީ މަނިކެވެ. ރޭގެ މައުޟޫއަކީ ''އިންސާނުންގެ ޙާލަތު ކީރިތި ޤުރުއާނުގެ އަލީގައި'' އެވެ.

Ad
rt

މި މައުޟޫޢުއަށް ރޭގެ ފޯރަމްގައި ތަޤްރީރު ކުރައްވަމުން ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން އަދި އައްޝައިޚް ފައްޔާޟް ޢަލީ މަނިކުގެ ވާހަކަފުޅުގައިވެސް ކީރިތި ޤުރުއާނުގެ އަލީގައި އިންސާނުގެ ޙާލަތު އޮޅުންފިލުއްވައި ދެއްވާފައިވެއެވެ.

އެގޮތުން މީސްތަކުން ބެހިފައިވާ ބައިތަކަށް ބައްލަވާލައްވާފައިވެއެވެ. އެ ބައި ތަކަކީ، މުއުމިނުން، ކާފިރުން، މުނާފިޤުން އަދި އަހުލުކިތާބުންނެވެ. އަދި މުސްލިމުން ބެހިފައިވާ ބައިތަކަށްވެސް އޮޅުންފިލުވައި ދެއްވަމުން، މުސްލިމުންގެ ތެރެއިން ހެޔޮކަމުގައި ކުރިއަރައި ދާމީހުންނާއި ހެޔޮކަމުގައި މެދުމިން ޙިޔާރުކުރާ މީހުންނާއި ނަފްސަށް އަނިޔާވެރިވާ މީހުން ހިމެނޭކަމަށް ވިދާޅުވިއެވެ.

މި މައުޟޫއަށް އިންސާފް ކުރައްވަމުން، އިންސާނާއަށް ދިރިއުޅުމުގައި ދިމާވާ އެކި ކަންތައްތަކުގެ ތެރެއިން މާޔޫސްވާ ޙާލަތްތައް އައުމުން ޢަމަލުކުރަންވީ ގޮތްތަކާއިގުޅޭ ގޮތުން ރޭގައި ވަނީ އޮޅުން ފިލުއްވާ ދެއްވާފައެވެ. މިގޮތުން މާޔޫސްވާ ސަބަބުދެނެގަނެ، އެހީތެރިކަން ބޭނުންވެ، ނުވަތަ ފަރުވާއެއް ހޯދަން ޖެހޭ ކަމުގައިވާނަމަ އެގޮތަށް ޢަމަލުކޮށް، އިސްލާމްދީނުގައި އަންގަވާފައިވާ ޒިކުރުތަކާއި ދުޢާތައް ކިޔުމާއިއެކު ކެތްތެރިކަން އިސްކުރުމަށް ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ.

މި ބައިތަކަށް ބައްލަވާލައްވަމުން ގަޟާގަދަރަށް އީމާންވުމުގެ މުހިންމުކަމާއި އިންސާނުންގެ ނިކަމެތިކަމަށް ތަފްސީލީ ގޮތެއްގައި ބައްލަވާލެއްވިއެވެ. އިންސާނުންނަކީ ނިޢުމަތެއް ލިބުމުން ބޮޑާވާ ބައެއްކަމަށާއި ހަވާ ނަފްސަށް ތަބަޢަވެ، ދަހިވެތިވެގެންވާ ބައެއްކަމަށްވެސް ވިދާޅުވިއެވެ.