އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އޮންނަ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޗެއާޕާސަން އިންތިހާބުގައި، މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް (ކެރަފާ ނަސީމް) ތާއީދު ކުރަށްވާ ކެންޑިޑޭޓަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާޢީލް ކަމަށް އިޢުލާން ކުރައްވައިފި އެވެ.

ފެށުނީން ސުރެއް އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވާ ނަސީމް މިކަން އިޢުލާން ކުރެއްވީ މިނިސްޓަރ ފައްޔާޒް އާއި އެކު ނަންގަވާފައިވާ ފޮޓޯއެއް ހިއްސާ ކުރައްވާ ކުރެއްވި ޓުވީޓެއްގަ އެވެ. މި ޓުވިޓުގައި މިނިސްޓަރ ނަސީމް ވަނީ ފައްޔާޒަށް ކާމިޔާބީއަށް އެދިވަޑައިގެންފަ އެވެ.

Ad
rt

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝިދާ އައިލީ ގޮތުން ގުޅުން އޮންނަ އަހުމަދު ނަސީމްއަކީ ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރުވެސްމެ އެވެ. އަދި މިވަގުތު ސަރުކާރުގެ އިސް ސަފުގައި ހަރަކާތްތެރިވަމުން އަންނަ އެމްޑީޕީގެ ގުރާސްރޫޓުގައި ގުނާލެވޭ މޫނެކެވެ.

އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިހާބަށް ވާދަކުރައްވަނީ ފައްޔާޒު އިސްމާއީލް އާއި އެމްޑީޕީގެ ކުރީގެ ޗީފް ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

ޗެއާޕާސަން ކަމަށް ވާދަކުރައްވާ ފައްޔާޒުއަށް ތާއީދުކުރާ ގިނަ މީހުންނަކީ އެމްޑީޕީގެ ދެ ފެކްޝަނުގެ ތެރެއިން ރައީސް ސޯލިހްގެ ފެކްޝަނުގެ މީހުނެވެ. ދެން ވާދަކުރައްވާ، އިމްތިޔާޒް ފަހުމީގެ ފަހަތުގައި ތިބީ ރައީސް ނަޝީދުގެ ފެކްޝަނުގެ މީހުނެވެ. އިމްތިޔާޒަށް ތާއީދުކުރާ މީހުން ބުނާ ގޮތުން ފައްޔާޒު އެ މަގާމަށް އައިސްފި ނަމަ ނަޝީދު އެ ޕާޓީން ދުރުކުރާނެ އެވެ. ނަމަވެސް އެކަން ދޮގުކޮށް ފައްޔާޒުގެ ޓީމުން ބުނަމުން ދަނީ އެއީ ފިތުނަ އުފައްދަން ދައްކާ ދެކޮޅު ނުޖެހޭ ވާހަކަތަކެއް ކަމަށެވެ.

ކެމްޕެއިންގެ ފޯރި މިހާރުވެސް ވަރަށް ގަދަ ވެފައިވާއިރު ސުޕަ މެޖޯރިޓީ އޮތް އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ގިނަ މެމްބަރުން ތިބީ ފައްޔާޒުއާއެކު އެވެ. އަދި ރައީސް ސޯލިހް ފެކްޝަނުގެ ބޮޑު އަގުލަބިއްޔަތެއް އޮންނަ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ ބަޔަކުވެސް ތާއީދުކުރަނީ ފައްޔާޒުއަށެވެ.