ށ. މިލަންދޫގެ ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާގެ ޖަންގްޝަނަށް ނުގުޅުމަށް އެރަށު ކައުންސިލުން އިލްތިމާސްކޮށްފިއެވެ.

މިލަންދޫ ކައުންސިލުން މިއަދު ކުރި ޢިއުލާނެއްގައި ވިދާޅުވީ، މިހާރަކަށް އައިސް ބައެއް ގޭގޭގެ ދިޔަދޮވި ހޮޅިތަކުން ފައިބާ ފެން ނަރުދަމާގެ ޖަންކްޝަނާއި ގުޅާފައި ހުރުމުގެ ސަބަބުން ނަރުދަމާ ނިޒާމުގެ މައި ލައިންތަކާއި ޕަމްޕު ސްޓޭޝަންތަކުގެ ތެރޭގައި ޖަމާވާ ފެން އެތައް ގުނައަކަށް އިތުރުވަމުން އަންނަކަމަށް ފެނަކަ މިލަންދޫ ބްރާންޗުން އެ ކައުންސިލާއި ހިއްސާ ކޮށްފައިވާ ކަމަށެވެ.

Ad
rt

އަދި ވަކިން ޚާއްޞަކޮށް ބޯކޮށް ވާރޭ ވެހޭ ދުވަސްވަރެއްގައި ގިނަ ގެތަކެއްގެ ފުރާޅުން ފައިބާ ފެން މިގޮތަށް ނަރުދަމާ ނިޒާމުގެ ތެރެއަށް ދޫކޮށްލެވިއްޖެ ނަމަ، ނަރުދަމާ ނިޒާމުގެ
ހޮޅިލައިންތަކާއި ޕަމްޕު ސްޓޭޝަންތައް ފުރި، ރަށުތެރޭގައި ހުރި ކާނުތަކާއި ގޭގޭގެ ފާޚާނާތަކުން ނަޖިސްތައް އަރައި މުޅިރަށުތެރެ ނަޖިހުން ތަޣައްޔަރުވުމަކީ ދިމާވެދާނެ ކަމެއްކަމުގައި ޤަބޫލުކުރެވޭތީ އެކަމުގެ ކަންބޮޑުވުން ފެނަކަ މިލަންދޫ ބްރާންޗުގެ ހިއްސާކޮށްފައިވާ ކަމަށް މިލަންދޫ ކައުންސިލުން ވިދާޅުވެއެވެ.

މިލަންދޫ ކައުންސިލުން ވިދާޅުވީ، ނަރުދަމާގެ ޚިދުމަތަކީ އަސާސީ ޚިދުމަތަކަށް ވާއިރު، އެފަދަ ޢަމަލުތަކުގެ ސަބަބުން އެ ޚިދުމަތް މެދުކެނޑި، މުޅި ރައްޔިތުންނަށް އިންތިހާއަށް ތަކުލީފު ލިބި، އަދި އެކަމުގެ ސަބަބުން ރަށުގައި ބަލިމަޑުކަމެއް ފެތުރިގެން ދިއުމަކީ މުޅި ރައްޔިތުންނަށް ލިބޭނެ ވަރަށްބޮޑު ނިކަމެތި ކަމެއް ކަމަށެވެ.

"ކުރިއަށް އޮތީ ވިއްސާރަ މޫސުން ކަމަށްވެފައި އެހާތަނަށް އެ މައްސަލަ ޙައްލު ނުކޮށްފިނަމަ، އިސްވެ ދެންނެވުނުފަދަ ދެރަ ޙާލަތެއް މެދުވެރިވެދާނެތީ، ގޭގޭގެ ދިޔަދޮވި ހޮޅިތަކުން ފައިބާ ފެން ނަރުދަމާ ނިޒާމުގެ ތެރެއަށް ގުޅާފައިވާ ގޭބިސީތަކުން ވީ އެންމެ އަވަހަކަށް އެކަން އިސްލާޙުކުރުމަށް މި ކައުންސިލުން އިލްތިމާސް ކުރަމެވެ." މިލަންދޫ ކައުންސިލުން ވިދާޅުވެފައިވެއެވެ.

ގޭގޭގެ ދިޔަދޮވި ހޮޅިތައް ނަރުދަމާ ޖަންގްޝަނަށް ގުޅާފައި ހުންނަ މައްސަލައަކީ ބައެއް އެހެން ރަށްރަށުން ވެސް ކުރިމަތިވަމުން އަންނަ މައްސަލައެކެވެ.