ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންނަވާނެ ފަނޑިޔާރަކު ހޮވަން ބޭއްވި އިންތިޚާބު އަލްއުސްތާޛު މުޙައްމަދު ނިޔާޒް ކާމިޔާބު ކޮށްފިއެވެ.
ހައިކޯޓުން ބުނީ ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖޭއެސްސީއަށް، ފަނޑިޔާރު ނިޔާޒް މިރޭ އިންތިޚާބުކޮށްފި ކަމަށެވެ. އެހެން ނަމަވެސް އެ އިންތިޚާބުގައި ނިޔާޒުގެ އިތުރުން ދެން ވާދަކޮށްފައިވަނީ ކޮން ބޭފުޅުންނެއް ކަމެއް އަދި ލިބުނު ވޯޓުގެ ތަފްސީލެއްވެސް އެކޯޓުން ހާމަކޮށްފައެއް ނުވެއެެވެ.
ފަނޑިޔާރު ނިޔާޒަކީ މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީއިން ޝަރީޢަތާއި ޤާނޫނުގެ ރޮނގުން މަތީ ތަޢުލީމު ޙާޞިލު ކުރައްވައިގެން ހުންނެވި ބޭފުޅެކެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާކުރެއްވީ، 2018 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ.
ޤާނޫނު އަސާސީގެ 158 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ނިޔާޒް މިރޭ އިންތިޚާބުކޮށްފިއެވެ pic.twitter.com/5BesvrAQr9
— High Court of Maldives (@mvhighcourt) April 26, 2022
ފަނޑިޔާރު ނިޔާޒް ކުރިން ފުރުއްވާފައިވާ މަގާމު ތަކުގެ ތެރޭގައި، ހދ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓްކަމާއި، ހދ. ވައިކަރަދޫ ކޯޓުގެ މެޖިސްޓްރޭޓްކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޖަސްޓިސްގެ ލީގަލް އެސިސްޓެންޓްކަންވެސް އޭނާ ވަނީ ކުރައްވާފައެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަންގައި ހައިކޯޓުގެ ފަނޑިޔާރެއްގެ ގޮތުގައި މީގެ ކުރިން ހުންނެވީ ފަނޑިޔާރު އަލީ ސަމީރެވެ. އޭނާ ވަނީ މިދިޔަ ހަފްތާގައި ހައިކޯޓުގެ ފަނޑިޔާރު ކަމުން އިސްތިއުފާ ދެއްވާފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނަށް 2 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން އުފައްދާއިވާ، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހުގެ ގަވާއިދުގެ 4 ވަނަ މާއްދާގެ (ށ)ގެ ދެވަނަ ނަންބަރުގެ ދަށުން، ހައިކޯޓުގެ ފަނޑިޔާރުންގެ ތެރެއިން، ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހަށް އެންމެ ފުރަތަމަ އިންތިޚާބު ކުރެވުނު ފަނޑިޔާރަކީ، ފަނޑިޔާރު އަލްއުސްތާޛު މުހައްމަދު ނިޔާޒްއެވެ.
ނިޔާޒް ވަނީ ހައި ކޯޓުގައި ބޮޑެތި މަދަނީ އަދި ޖިނާއީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް ވެސް ބައްލަވައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!