ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުން ބާ ކައުންސިލާއި މަތިކޮށްފައިވާ ޒިންމާގެ ދަށުން އެ ކައުންސިލުން ބާއްވާ ފުރަތަމަ ބާ އިމްތިހާންގައި ބައިވެރިވާން ހުޅުވާލި ފުރުޞަޠުގައި މަޤުބޫލު ސަބަބެއް މެދުވެރިވެގެން ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކަށް އެ އިމްތިޙާނުގައި ރަޖިސްޓަރީވުމުގެ ފުރުޞަޠު ހުޅުވާލައިފިއެވެ.

ފުރަތަމަ ބާ އިމްތިޙާން ބާއްވަން ބާ ކައުންސިލުން ނިންމާފައި ވަނީ މިއަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ އިމްތިޙާނުގައި ބައިވެރިވުމުގެ ފުރުޞަޠު ހުޅުވާލާފައި ވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ad
rt

ބާ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އަންނަ ޖޫން 25 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބާ އިމްތިޙާނުގައި ރަޖިސްޓަރވުމަށް ހުޅުވާލެވުނު ފުރުޞަތުގައި މަޤުބޫލު ސަބަބެއް އޮވެގެން ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކުން އިމްތިޙާނުގައި ރަޖިސްޓަރވުމަށް ފަހު ފުރުޞަތެއް ދިނުމަށް އެ ކައުންސިލުން ނިންމާފައިވާ ކަމަށެވެ.

އެހެންކަމުން އެއްވެސް މަޤުބޫލު ޙާލަތެއް މެދުވެރިގެން މި އިމްތިޙާނަށް ރަޖިސްޓަރ ކުރެވިފައިނުވާ ފަރާތްތަކުން، 27 އޭޕްރީލް 2022 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެކަމަށް ޚާއްޞަކޮށްފައިވާ ލިންކު މެދުވެރިކޮށް އިމްތިޙާނުގައި ރަޖިސްޓަރކުރުމުގެ ފުރުޞަތު ހުޅުވައިލާކަމަށެވެ.

ބާ ކައުންސިލުން ބުނީ 2020 ވަނަ އަހަރު ދިވެހިރާއްޖޭގެ ބާ ކައުންސިލުން ކުރިއަށް ގެންދިޔަ ސްޕެޝަލް ލައިސަންސިންގ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެ ޤާނޫނީ ވަކީލުކަމުގެ ވަގުތީ ހުއްދަ ދޫކުރެވިފައިވާ ފަރާތްތަކުން 25 ޖޫން 2022 ވަނަ ދުވަހު ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިނުވާނަމަ، އެފަރާތްތަކަށް ދޫކުރެވިފައިވާ ހުއްދަ، ޤާނޫނީ ފަންނުގެ ޤާނޫނަށް ގެނެވުނު 1 ވަނަ އިޞްލާޙުގެ ދަށުން ވަގުތީ ގޮތުން ހިފެހެއްޓޭނެކަކަމަށެވެ. އަދި މި ޕްރޮގްރާމްގައި ބައިވެރިވެފައިވާ އެންމެހާ ފަރާތްތަކުން 25 ޖޫން 2022ގައި ބާއްވާ ބާ އިމްތިޙާނުގައި ބައިވެރިވުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.

އިމްތިޙާނާގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް bar-exam@maldivesbarcouncil.org އަށް އީ-މެއިލްކުރެއްވުމަށް ނުވަތަ ބާ ކައުންސިލުގެ 3333990 ނަންބަރު ފޯނަށް ގުޅުއްވުމަށް ބާ ކައުންސިލުން ވަނީ އެދިފައެވެ.

ބާ އިމްތިޙާނަށް މި އަހަރު ކަނޑައަޅާފައިވާ ފީ އަކީ 10،000 ރުފިޔާއެވެ.