އިންޑިއާގައި މުސްލިމުންނާ ދެކޮޅު އަމަލުތަކެއް ހިންގަމުން ދާކަމަށާއި، ނަމަވެސް މިކަމާއި ދިވެހި ސަރުކާރުން އެއްޗެއް ނުބުނެ ހަނުތިބުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

އިދިކޮޅުން މިއަދު އާންމު ކުރި ނޫސް ބަޔާނެއްގައި ބުނީ، އިންޑިއާގެ މަދްޔަޕްރަދޭޝްގައި ހިނގި ހަމަނުޖެހުންތަކަކާއި ގުޅިގެން، މަދްޔަޕްރަދޭޝްގެ ހޯމް މިނިސްޓަރގެ އަމުރަށް އެސަރަހައްދުގައި ދިރިއުޅެމުންދާ މުސްލިމުންގެ ގެދޮރަށް ގެއްލުންދީ ސުންނަފާތި ކުރަމުންދާ ކަމަށެވެ. އަދި އެ އަމަލު ހަރުކަށި އިބާރާތުން ކުއްވެރި ކުރާކަމަށް ބުނެފައި ވެއެވެ.

Ad
rt

ހިންދޫންގެ ދީނީ ހަފްލާއެއްގެ ތެރެއިން ހިންގި ހަމަނުޖެހުމެއްގައި މުސްލިމުން ބައިވެރިވި ކަމަށް ތުހުމަތުކޮށް، ހިންދޫންގެ ޖަމާޢަތް ތަކުންވެސް މުސްލިމުންނަށް އަނިޔާދީ، ގެދޮރުގެ ހުރުމަތް ކަނޑާ އެކި ކަހަލަ ގެއްލުންތައް ދެމުންދާއިރު އެހަރަކާތްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ އެކަންކަން ކުރުމަށް ހިތްވަރު ދެމުންދާކަމަށް އިދިކޮޅުގެ ބަޔާނުގައި ތުހުމަތު ކޮށްފައިވެއެވެ.

މިއަމަލު ދިވެހި ސަރުކާރުން ކުށްވެރި ނުކޮށް، ހަނުތިބުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި، ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށް ވާއިރު މިޢަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލާއި ބައިނަލްއަޤްވާމީ ފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމަށް ދިވެހި ސަރުކާރަށް އެ ކޯލިޝަންއިން ވަނީ ގޮވާލައްވާފައެވެ.