ދިވެހި ފިރިހެނަކު ރާއްޖެއިން ބޭރަށް ކިޔަވަން ދާންވެގެން ކުރީގެ އަނބިމީހާ ނަގައިދިން ލުއި ލޯނުގެ ފައިސާ އޭނާއަށް އަނބުރާ ދައްކަން ފިރިހެން މީހާގެ މައްޗަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސ. ހިތަދޫއަށް ނިސްބަތްވާ ދެ މީހަކު ކައިވެނިކޮށްގެން އުޅުނުއިރު ފިރިހެން މީހާ ކިޔަވަން ދާން ފައިސާ ހަމަނުވުމުން 80،000ރ. ގެ ލުއި ލޯނެއް ބޭންކުން ނަގައިދިނީ އަންހެން މީހާ މެދުވެރިވެގެން އޭނާ ބައްޕަ އެވެ. އަދި ދެ މީހުންގެ ވަރިވުމުގެ ކުރިން 2019 ވަނަ އަހަރު ހެދި އެއްބަސްވުމެއްގައި، އެ ފައިސާ އަންހެން މީހާއަށް ފިރިހެން މީހާ ދައްކަން ޖެހޭ ގޮތަށް އެއްބަސްވުން ހަދާފައިވެ އެވެ.
ފިރިހެން މީހާ ކޯޓުގައި ބުނިގޮތުން އެ ފައިސާއަކީ އޭނާ މާސްޓާސް ހަދަން ބޭރަށް ދާން އަންހެން މީހާގެ އާއިލާއިން ދިން އެހީއެކެވެ. ފަހުން އެއްބަސްވުމުގައި ސޮއިކުރުވީ ފިރިހެން މީހާ ލައްވައި، މަޖުބޫރު ކުރުވައިގެން ކަމަށް އޭނާ ބުނެފައިވެ އެވެ. އެއީ ވަރީގެ މައްސަލަ ކޯޓުގައި ލަސްކުރާނެ ކަމަށް ބުނެ އަންހެން މީހާގެ އާއިލާއިން ބިރުދެއްކުމުން ކަމަށް އޭނާ ބުނެފައިވެ އެވެ.
އޭނާ ބުނިގޮތުގައި އޭނާ ކޯސް ނިންމާފައި އެނބުރި އައިސް، ވަޒީފާއިން ލިބުނު ހުރިހާ ފައިސާއެއް ދިނީ ވެސް އަންހެން މީހާއަށެވެ. އަދި މުޅި ލޯނު އެއްކޮށް އަދާ ކުރެވޭނެ މިންވަރަށް ވެސް ފައިސާ ދެވިފައި ހުންނާނެތީ އިތުރަށް ދޭންޖެހޭ އެއްޗެއް ނޯންނާނެ ކަމަށް އޭނާ ކޯޓުގައި ބުންޏެވެ.
ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ ފައިސާ ދައްކަން އެއްބަސްވީ ވަރީގެ މައްސަލަ ލަސްކުރާނެ ކަމުގެ ބިރު ދެއްކުމުން ކަމަށް ބުންޏަސް، އެއީ މަޖުބޫރު ކުރުވުމެއް ނޫން ކަމަށެވެ. ސަބަބަކީ ވަރި ކުރުމަކީ ފިރިމީހާއަށް ކޮންމެ ވަގުތެއްގައި ބޭނުން ކުރެވޭނެ ބާރަކަށް ވާތީ އެވެ.
ކިޔަވާ ނިމުމަށްފަހު ލިބުނު ހުރިހާ ފައިސާއެއް އަންހެން މީހާއަށް ދީފައިވާތީ ލޯނު އަދާ ކުރެވިފައިވާ ކަމަށް ބުންޏަސް، އެކަމުގެ ހެއްކެއް ނެތުމުން ލޯނުގެ ފައިސާ އަނބުރާ ދައްކަން ޖެހޭނެ ކަމަށް ހުކުމުގައިވެ އެވެ. އަދި މިހާތަނަށް ނުދައްކާ އޮތް 40،000ރ. ދެ މަސް ތެރޭގައި އަނބުރާ ދޭން އެ ހުކުމުގައި އަންގާފައިވެ އެވެ.
މައްސަލަ ކޯޓަށް ހުށަހަޅަން ހަރަދުވި 30،000ރ. އާއި އިންޓްރެސްޓްގެ ގޮތުގައި އިތުރަށް އަރަމުންދާ ފައިސާ ހޯދަން އަންހެން މީހާ އެދުނަސް، ކޯޓުން ނިންމީ އެ ފައިސާ ދޭންނުޖެހޭނެ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!