ސްޕެނިޝް ލަލީގާގައި ހުކުރު ދުވަހުގެ ރޭ ސެވިއްޔާއާއި ގްރަނާޑާ ބައްދަލުކުރި މެޗު ކާމިޔާބުކޮށް ޕޮއިންޓް ތާވަލުގެ ދެވަނައަށް ސެވިއްޔާ ޖެހިލައިފިއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބު ކޮށްފައި ވަނީ 4-2 ގެ ނަތީޖާއަކުންނެވެ.
މި މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ސެވިއްޔާއިން ކުޅުނު ނަމަވެސް، ދެ ޓީމްގެ ފަރާތުން ވެސް ގިން އެޓޭކްތަކެއް މެޗުގައި ވަނީ ފެނިގެން ގޮސްފައެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގާފައި ވަނީ ގްރަނާޑާއިންނެވެ. މި ލަނޑު 23 ވަނަ މިނޓުގައި ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ޑާވިން މަޗީސްއެވެ. ގްރަނާޑާއިން ލަނޑު ޖެހިތާ ނުވަ މިނެޓް ފަހުން ސެވިއްޔާގެ ނަވާސް ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ޑިއެގޯ ކާލޮސް ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފުރަތަމަ ހާފު ނިމިގެން ގޮސްފައި ވަނީ މި ނަތީޖާއިންނެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ސެވިއްޔާއިން ވަނީ ލަނޑު ޖަހައި ފުރަތަމަ ފަހަރަށް ލީޑު ހޯދާފައެވެ. މި ލަނޑު ޖީސަސް ކޮރޯނާ ތަނަވަސް ކޮށްދިން ފުރުޞަތެއްގައި ކާމިޔާބު ކޮށްދީފައި ވަނީ ލޫކަސް އޮކަމްޕޮސްއެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ގްރެނާޑާގެ ލުއިސް މިލާ ނަގައިދިން ކޯނަރެއް ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން ވިކްޓަ ޑިއާޒް ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މެޗުން ސެވިއްޔާ މޮޅުވެފައި ވަނީ، މެޗުގެ ފުރިހަމަ ވަގުތު ހަމަވެ ދެއްކި އިތުރު ވަގުތުގެ ނުވަ މިނެޓްގެ ތެރޭ ކާމިޔާބުކުރި ދެ ލަނޑުންނެވެ. ސެވިއްޔާގެ ތިންވަނަ ލަނޑު އިތުރު ވަގުތުގެ ތިންވަނަ މިނެޓްގެ ތެރޭ ރަފާ މިރް ކާމިޔާބު ކޮށްދިންއިރު، ސެވިއްޔާއިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު އިތުރު ވަގުތުގެ ފަހު މިނެޓްގައި ކާމިޔާބު ކޮށްދީފައި ވަނީ ޕާޕޫ ގޮމޭޒްއެވެ.
މި މޮޅާއިއެކު ސެވިއްޔާ ވަނީ ޕޮއިންޓް ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ. ސެވިއްޔާއަށް 31 މެޗުން ލިބިފައި ވަނީ 60 ޕޮއިންޓެވެ. ތިންވަނާގައި ބާސާ މިވަގުތު އޮތީ ކުޅުނު 29 މެޗުން ލިބުނު 57 ޕޮއިންޓާއިއެކުގައެވެ. ބާސާ މާދަމާ ރޭ ރަށުން ބޭރުގައި ލެވަންޓޭއާއި ވާދަކުރާއިރު އެ މެޗު ކާމިޔާބު ކޮށްގެން ދެވަނައަށް ޖެހިލުމުގެ ފުރުޞަތު ބާސާއަށް އެބައޮތެވެ. ރޭ މެޗުން ބަލިވި ގްރަނާޑާ މިވަގުތު އޮތީ ޕޮއިންޓް ތާވަލުގެ 16 ވަނާގައެވެ. އެ ޓީމަށް 31 މެޗުން ލިބިފައި ވަނީ 29 ޕޮއިންތެވެ. މިވަގުތު ޕޮއިންޓް ތާވަލުގެ އެއްވަނާގައި އޮތީ 30 މެޗުން 69 ޕޮއިންޓް ހޯދައިގެން ރެއާލް މެޑްރިޑެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!