ދިވެހި ފުލުހުންނަށް ލިބޭ ކޮންމެ މޮޅުކަމަކާއި ކުރިއެރުމަކީ ގައުމަށް ލިބޭ މޮޅުކަމަކާއި ކުރިއެރުމެއްކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ސައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިމްރާން މިހެން ވިދާޅުވީ، ފުލުހުންގެ ޚިދުމަތަށް 89 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

މިނިސްޓަރު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަކީ ގައުމީ މުއައްސަސާއެއް ކަމުގައެވެ. އަދި ފުލުހުންނަށް ގާއިމު ކޮށްދެވޭ ކޮންމެ ވަސީލަތަކާއި ލިއްބައިދޭ ކޮންމެ ހުނަރަކާއި ކޮންމެ ގާބިލު ކަމަކީ ގައުމަށް އިތުރު ކުރެވޭ ވަސީލަތަކާއި ލިއްބައިދޭ ގާބިލު ކަމަކާއި ހުނަރެއް ކަމަށެވެ. އަދި ފުލުހުންނަށް ލިބޭ ކޮންމެ ނިކަމެތިކަމަކާއި ބަލިކަށިކަމަކީ ގައުމަށް ލިބޭ ނިކަމެތި ކަމެއްކަމަށް ވެސް ވިދާޅުވިއެވެ.

ދިވެހި ރާއްޖޭގެ ދާހިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ރައްޔިތުންގެ މުދަލާއި ފުރާނަ ހިމާޔަތްކޮށް މުޖުތަމައުގެ ހަމަޖެހުމާއި ރައްކާތެރިކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ރާއްޖޭގެ ދާހިލިއްޔާއާ މަތިކޮށްފައިވާ ޒިންމާތަކުގެ ތެރެއިން އެންމެ ބޮޑު ހިއްސާއަކާއި ޒިންމާއެއް އަދާކުރަން ޖެހެނީ ދިވެހި ފުލުހުންގެ ހިދުމަތްކަމަށް ވެސް މިނިސްޓަރު އިމްރާންގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު ވިދާޅުވީ، އަތޮޅު ތެރޭގައި ފުލުހުން ހިދުމަތް ދިނުމުގެ ފުރިހަމަ ނިޒާމެއް އެކަށައަޅާފައިވާކަމަށެވެ. އަދި ފުލުހުން ޖަވާބު ދާރީވުމަށް ޒިންމާކުރާނެ ރަނގަޅު ފަރާތްތަކެއް އެކުލަވާލެވިފައިވާ ކަމަށް ވިދާޅުވިއެވެ.

ވެހޭހާ ވާރެއެއްގައި ދޭހާ އަތްވެއްގައި ގަދަ ކަނޑުގައި ފުލުހުން އުފުލާ ތަކުލީފުތަކަށްޓަކައި ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް މިނިސްޓަރު އިމްރާން ވަނީ ޝުކުރުއަދާކުރަށްވާފައެވެ.