ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ "ނަންފިލާގަޑުތައް" ބޭނުން ކޮށްގެންކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ޤާއިމްކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް ރަސްމީކޮށް ހުޅުވާފައި ވަނީ މި މަހުގެ 27 ވަނަ ދުވަހުއެވެ.

Ad
rt

އެ ކޮލަޖަށް އިޝާރާތްކުރައްވައި، އަންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރެއްވުމަށް ޢިއުލާން ކުރައްވައި، މިހާރު ކެމްޕެއިން ފައްޓަވާފައިވާ އުމަރު ވިދާޅުވީ، އައްޑޫގައި ހުޅުވުނު މަރުކަޒުގެ ބޭރު ނަންފިލާގަޑުގައި 'ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގް އެންޑް ލޯ އެންފޯރސްމަންޓް' ލިޔެފައިވީނަމަވެސް، އެތަން މިހާރު ފަރުމާ ކުރެވިފައިއެވަނީ އިންޑިޔާގެ މިލިޓަރީ ބޭސް އެއްގެގޮތުގައި ނުރަސްމީކޮށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ.

"ބޮޑެތި ބާރު ތަކުން ކުދި ޤައުމުތަކަށް ވަދެގަންނަނީ މިފަދަ ނަންފިލާގަޑު ތަށް ބޭނުން ކޮށްގެން، މީގެ 12 އަހަރު ކުރިން ބަލިމީހުން އުފުލާދިނުމުގެ ނަމުގައި ހެލިކޮޕްޓަރެއް ދުއްވާދޭން އައި މީހުން މިއަދު ފުޅާކޮށް އުޅަދުތަށް އިތުރުކޮށްފައިވާ ވުން އެއީ މީގެ މިސާލެއް" އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، އެ މަރުކަޒުގައި އިންޑިޔާގެ ފުލުހުންނަށް ތަމްރީން ދެވޭގޮތަށް ހެދުނު އެއްބަސް ވުމަކީވެސް މި ކަމުގެ އަލިގަދަ ހެއްކެއް ކަމަށާއި، އެއީ މެދުކެޑުމެއްނެތި އިންޑިޔާގެ ގިނަ އަދަދެއްގެ ފުލުހުން (ނުވަތަ ސިފައިން) ތަމްރީން ހޯދުމުގެ ނަމުގަޔާއި ތަމްރީންދޭ އިންސްޓްރަކްޓަރުންގެ ނަމުގައި އެމަރުކަޒުގައި ތިބުމަށް މަގުފަހިކުރުމަށް ހުޅުވި ދޮރެއް ކަމަށެވެ.

"އިންޑިޔާގެ ފުލުހުންނަކީ ހަތިޔާރު ގެންގުޅޭ ބަޔަކަށް ވާތީ، އިންޑިޔާގެ ފުލުހުން ތަމްރީން ކުރާނަމަ ހަތިޔާރުގެ ތަމްރީން ވެސް ބޭނުންވާނެތީ، ހަތިޔާރު ރައްކާކޮށް ގެންގުޅެވޭނެ ގޮތްވެސް ލަހެއްއްނުވެ ހަމަޖައްސާނެކަމާމެދު އެއްވެސް ޝައްކެއްނެތް" އުމަރު ވިދާޅުވިއެވެ.

އަދި ރާއްޖޭގައި މި ބެހެއްޓުނު 10 ރާޑަރު ސްޓޭޝަން އަކީވެސް އިންޑިޔާގެ ސަލާމަތަށް ޓަކައި ބެހެއްޓުނު ތަކެތިކަމަށާއި، މި ރާޑަރު ތަކުގެ މައިގަޑު ބޭނުމަކީ ޗައިނާ ގެ އުޅަދު ތަކަށް ފާރަލުމާ އެކު އިންޑިޔާކަޑުގެ މައްޗަށް ބާރުގަދަ ކުރުން ކަމަށް އުމަރު ވިދާޅުވިއެވެ.

"ދިވެހިރާއްޖެ އަށް އެންމެ ރަގަޅު ގޮތަކީ އިންޑިޔާގެ އުގަށްވެސް އަދި ޗައިނާގެ އުގަށްވެސް ނުވެއްޓި 'ނިއުޓްރަލް' ޤައުމެއްގެ ގޮތުގައި އޮތުން، އަދި އެއްވެސް ޤައުމަކާ ޖެހިނުގަނެ ތިބުން، އިންޑިޔާ އާއި ޗައިނާ ގެ ކޯޅުމުގެ ތެރެއަށް ނުވަދެ ތިބުމަކީ ސަލާމަތީ ގޮތުންނާ އިޤްތިސާދީ ގޮތުންވެސް ދިވެހިންނަށް އެންމެ ބުއްދިވެރިގޮތް" އުމަރު ވިދާޅުވެފަވެއެވެ.

ސަރުކާރުން ހާމަކުރަށްވާފައިވާ ގޮތުގައި އައްޑޫގައި ގާއިމު ކުރެވުނު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އަކީ، ސެކިއުރިޓީ އެންފޯސްމެންޓް ދާއިރާތަކަށް ބޭނުންވާ ކަމާ ބެހޭ މީހުން ތަމްރީނުކޮށް، ލޯ ސުކޫލެއް ގާއިމް ކުރާނެ ތަނެކެވެ. މި މަޝްރޫއަށް ޖުމްލަ 40 އާއި 42 މިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ވަނީ ޚަރަދުކޮށްފައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލީސިންގ އެންޑް ލޯ އެންފޯސްމަންޓްގެ ސަބަބުން ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން ތަމްރީންކުރުމަށް އުމްރާނީ މަރުކަޒެއް ލިބުމުގެ އިތުރުން، މުޅި ދިވެހިރާއްޖެއަށް ހެޔޮ ބަދަލެއް އަންނަނެކަމަށް ފުލުހުން ވިދާޅުވެއެވެ.