"ނޭވާހޮޅިއަށް" ނަމުގައި އިދިކޮޅު ކޯލިޝަނުން މިއަދު ވެރިރަށް މާލޭގައި ބާއްވަން ނިންމި ބޮޑު އެއްވުން ފަށައިގެން ކުރިއަށް އެބަގެންދެއެވެ.

މި އެއްވުން ކުރިއަށް ނުގެންދިޔުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އަންގާފައި ވަނިކޮށް ކުރިއަށް ގެންދާ މި ހަރަކާތުގެ ފޮޓޯތައް އިދިކޮޅު ޕީޕީއެމުން މީސް މީޑިއާގައި އާންމުކުރަމުން އަންނައިރު އެއްވުމުގެ ބައިވެރިންގެ ތެރެއިން އިދިކޮޅު ލީޑަރޝިޕްގެ ބައެއް ބޭފުޅުން ވެސް ފެނެއެވެ.

Ad
rt

މި އެއްވުން ލީޑް ކުރެއްވުމުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ، ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) އިސްކޮށް ހުންނެވިއިރު، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާޙީމް ޝުޖާޢުއާއި، ޕީޕީއެމް ޕީޖީ ލީޑަރު، މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް، ތ. ގުރައިދޫ ދާއިރާ މެންބަރު ޣައްސާން މައުމޫން އަދި ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބުދުއްލަތީފް މުޙައްމަދު ފަދަ ބޭފުޅުން އެއްވުމުގެ ތެރެއިން ފެނެއެވެ.

ޕީޕީއެމުން ބުނީ މިވަގުތު އެ އެއްވުމުގެ ބައިވެރިން ތިބީ ކާނިވާ ސަރައްދުގައި ކަމަށެވެ.

މި އެއްވުމުގެ ތެރެއިން ބައެއް މީހުން ދަނީ ފުލުހުންގެ ބެލުމުގެ ދަށަށް ވެސް ގެންދަމުންނެވެ.

މި އެއްވުން ނުބާއްވަން ފުލުހުން އަންގާފައިވާއިރު، ދައުލަތުގެ ރަސްމީ އިދާރާތަކުގެ އަންގާ އެންގުންތަކަށް ސިޔާސީ ޕާޓީތަކުން ބޯލެނބުމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

ނަމަވެސް އިދިކޮޅުން ގޮވާލާފައި ވަނީ ޤާނޫނު އަސާސީގައި ބުނާ ޚިޔާލްފާޅުކުރުމުގެ މިނިވަންކަމަށް ޖާގަ ދިނުމަށް އެދޭކަމަށެވެ.