އެމްޑަބްލިއުއެސްސީން ހަތަރު ރަށެއްގައި ކުރިއަށްގެންދާ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ނިންމައި ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެއީ ބ. ގޮއިދޫ، ރ. ކިނޮޅަސް، ނ. މާޅެންދޫ އަދި ނ. ކުޑަފަރީގައި ހިންގާ މަޝްރޫއުތަކެވެ.
އެމްޑަބްލިޔުއެސްސީން ބުނީ، އެ ރަށްތަކުގެ ތެރެއިން ކުޑަފަރި ފެނާއި ނަރުދަމާ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ކިނޮޅަހުގެ ކޮމިޝަން ކުރުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ އިރު، މާޅެންދޫގެ ކޮމިޝަންކުރުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ. ގޮއިދޫ ފެނާއި ނަރުދަމާގެ ނިޒާމު ކޮމިޝަން ކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ހަތަރު ރަށުގެ މަސައްކަތް ކޮމިޝަންކުރާނީ ޕްލޭނިން މިނިސްޓްރީ އާއި ފެނަކަ ކޯޕަރޭޝަނާއި އެމްޑަބްލިއުއެސްސީގެ ބޭފުޅުން އެރަށްތަކަށް ވަޑައިގެންނެވެ.
އެމްޑަބްލިއުއެސްސީން ބުނީ، އެރަށްތަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ އޮޕަރޭޓާސް ޓްރެއިނިން ޕްރޮގްރާމްވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި ހަތަރު ރަށުގެ ފެނުގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ފެން ހޮޅީގެ މައި ނެޓްވޯކް އަޅައި، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކޮސް، ފެން އުފެއްދުމަށްޓަކައި އާރުއޯ ޕްލާންޓްއާއި އަދި ފެން ރައްކާކުރުމަށްޓަކައި ތާންގީ ބަހައްޓައި ވަނީ ނިމިފައެވެ. އަދި ގޭގޭގައި ފެންމީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަންވެސް ވަނީ ގުޅައިފައެވެ.
ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން ނަރުދަމާ މައި ނެޓްވޯކްއާއި ޕަންޕިން ލައިން އަޅައި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކޮށް، ޕަންލިން ސްޓޭޝަން ގާއިމުކޮށް އަދި ސީ އައުޓްފޯލް ވަނީ އަޅައިފައެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާގެ ކަނެކްޝަން ވަނީ ގުޅައިފައެވެ.
މީގެ އިތުރުން މި މަޝްރޫއުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމު ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ވެސް އެމްޑަބްލިއުއެސްސީން ވަނީ ފޯރުކޮށްދީފައެވެ.
މި ހަތަރު ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމް ކުރަން އެމްޑަބްލިއުއެސްސީއާ ހަވާލު ކުރީ 163.55 މިލިއަން ރުފިޔާއަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!