ނެޝަން ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯރކަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ކުޅުދުއްފުށީ ސިޓީގައި ސާވޭއެއް މިއަދު ފަށައިފިއެވެ.
މި ސާވޭއަކީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އާއި، ކުޅުދުއްފުށީ ސިޓީ ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ ސާވޭއެކެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވިދާޅުވިގޮތުގައި، މި ސާވޭގެ ދަށުން ކުޅުދުއްފުށި ސިޓީގެ ގޭބިސީތަކުން މައުލޫމާތު އެއްކުރުމުގެ މަސައްކަތް މިއަދު ވަނީ ފަށާފައެވެ. އަދި މިސާރވޭގެ އެންމެ ބޮޑު ބޭނުމަކީ ނެޝަން ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯރކަށް ބޭނުންވާ މައުލޫމާތު އެއްކުރުން ކަމަށް އެކައުންސިލުން ވަނީ ފާހަގަ ކުރަށްވާފައެވެ.
މީގެ އިތުރުން މި ސާރވޭއަށް ދިވެހި ރެޑްކްރެސެންޓާއި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެފަރާތްތަކަށް ވަނީ އެކައުންސިލްގެ ފަރާތުން ޝުކުރު އަދާކޮށްފައެވެ.
އެންސްޕާގެ ޓީމާ ކުޅުދުއްފުށީ ސިޓީ ކައުންސިލާއެކު ކުރިއަށްގެންދިޔަ ބައްދަލުވުމެއްގެ ތެރެއިން، ފޮޓޯ: ސިޓީ ކައުންސިލް
ނެޝަން ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯރކަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގެ މަސައްކަތް އެންސްޕާ އިން ފަށާފައިވާއިރު އެ އިދާރާއަކީ، ޤައުމީ އިޖްތިމާޢީ ޞިއްޙީ އިންޝުއަރަންސް ސްކީމު ހިންގާ ބެލެހެއްޓުމާއި އިޖްތިމާޢީ ރައްކާތެރި ކަމުގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޕްރޮގްރާމްތައް ރާވާ ހިންގުމާމަތިކޮށްފައިވާ ސަރުކާރުގެ އިދާރާއެވެ. އަދި މީގެ އިތުރުން ޤާނޫނީ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ އިޚްތިޔާރުގެ ދަށުން ހަވާލުކުރެވިފައިވާ މަސައްކަތްތައް މި އިދާރާއިން ހިންގާ ބަލަހައްޓައެވެ.
އެންސްޕާއިން ކުރިއަށް ގެންދާ އެހީގެ ޕްރޮގްރާމްތަކުގެ ތެރޭގައި، މެޑިކަލް ވެލްފެއަރ (ބޭސް ފަރުވާގެ އެހީ)، ފަގީރު ހާލަތުގައި ދިރިއުޅޭ އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ފަޤީރު ހާލަތުގައި ދިރިއުޅޭ މައިންބަފައިންގެ އެހީތެރިކަމެއް ނެތި އެހެން މީހަކު ބަލަހައްޓާ ކުދިންނަށާއި އެކުދިން ބަލަހައްޓާ ފަރާތަށް ދެވޭ އެހީގެ ޕްރޮގްރާމް
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް، ހުސްނުވާ އާސަންދަ، އަދި ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުން ކާބޯތަކެތި ގަތުމަށް ދެވޭ މާލީ އެހީގެ ޕްރޮގްރާމް ހިމެނެއެވެ.
އެންސްޕާ ވުޖޫދަށް އައިސްފައި ވަނީ 27 އޯގަސްޓް 2008 ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!