ހއ. ދިއްދޫ މިޑްލް ސްޕޯޓްސް ކުލަބާއި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ "އެންޒެޑް އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް" ގެ ޗެމްޕިއަންކަން ފެނަކައިން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލް މެޗު 06 މާޗް 2022 ވީ އާދީއްތަ ދުވަހުގެ ރޭ ދިއްދޫ ފުޓްސަލް ދަނޑުގައި ކުޅެފައިވާއިރު މި މެޗުގައި ބައްދަލު ކޮށްފައިވަނީ ދިއްދޫ ފެނަކަ ބްރާންޗްގެ ޓީމާއި ހއ.އަތޮޅު ހޮސްޕިޓަލުގެ ޓީމެވެ. މި މެޗު 7-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައި ވަނީ ފެނަކައެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާއަށް ހޮވިފައި ވަނީ ފެނަކަ ޓީމްގެ މުހައްމަދު ނައުޝާދެވެ.

Ad
rt

މުބާރާތުގައި އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިއަކަށް ފެނަކައިގެ މުހައްމަދު ނައުޝާދު ހޮވިފައިވާއިރު، އެންމެ މޮޅު ކޯޗަކަށް ހޮވިފައި ވަނީ ފެނަކައިގެން ކޯޗް އަލީ ޖުހޭރެވެ. މުބާރާތުގެ ފެއާޕްލޭ ޓީމަކަށް ހޮވިފައި ވަނީ ދިއްދޫ ޕޮލިސް ޓީމެވެ.

މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހޮސްޕިޓަލް ޓީމްގެ ދެ ކުޅުންތެރިން ވަނީ ހިމެނިފައެވެ. އެ ދެކުޅުންތެރިންނަކީ އާދަމް ނަސީމްގެ އިތުރުން ހުސެއިން ޝަފީޤެވެ. މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ފެނަކަ ޓީމްގެ ތިން ކުޅުންތެރިން ވަނީ ހިމެނިފައެވެ. އެއީ މުޙައްމަދު ނައުޝާދާއި، އަބޫބަކުރު ރާޝިދުގެ އިތުރުން އަހްމަދު ޝާހިދު ހަސަނެވެ.

މުބާރާތުގެ މެޗުތައް ކުރިއަށްދިޔަ ވަގުތުތަކުގައި ރެޓްރޯ ސޮލިއުޝަންގެ ފަރާތުން ސްޕޮންސަ ކޮށްގެން ކުރިއަށް ގެންދިޔަ ލަކީޑްރޯގެ ނަސީބުވެރިޔާ ވަނީ ފައިނަލް މެޗު ނިމުމާއިއެކު ހޮވާފައެވެ. ގުރުއަތުން ދިމާވެގެން ރެޓްރޯ ސޮލިއުޝަނުން ހުށަހަޅާފައިވާ ވޯޓަ ޕިއުރިފައިން މެޝިން ލިބިފައި ވަނީ ފެނަކަ ޓީމްގެ މެނޭޖަރ އަލީ ޒުހޭރަށެވެ.