އެމެރިކާގެ މަޝްހޫރު "އައިޑީ ޓްރެވަލް ގްރޫޕް" އާއެކު ރާއްޖެ އިޝްތިހާރުކުރުމުގެ ވަރަށް ހާއްސަ ކެންޕެއިނެއް ވިޒިޓް މޯލްޑިވްސްއިން ފެށުމަށް ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕޮރޭޝަން (އެމް.އެމް.ޕީ.އާރު.ސީ) އިން ބުނެފިއެވެ.
އެމް.އެމް.ޕީ.އާރު.ސީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މިކެންޕެއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އޭޕްރިލްގެ ނިޔަލަށެވެ.
އައިޑީ ޓްރެވަލް ގްރޫޕް އަކީ ބައިނަލްއަޤްވާމީ ފެންވަރުގައި މަތީ ފަންތީގެ ފަތުރުވެރިކަމުގެ ހިދުމަތްތަކާއި، ޕެކޭޖުތައް ވިއްކުމާއި މާކެޓްކުރުމުގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އެގޮތުން މިކެންޕެއިނުގެ ސަބަބުން ޔޫއެސް މާކެޓްގައި ރާއްޖެ އިތުރަށް އިޝްތިހާރުވެ، އައިޑީ ޓްރެވަލް ގްރޫޕްގެ މެންބަރުންނަށް ރާއްޖޭގެ މައުލޫމާތު އެކި ޕްލެޓްފޯމްތައް މެދުވެރިކޮށް ފޯރުކޮށްދެވޭނެ ކަމަށް އެމްއެމްޕީއާރުސީ އިން ބުނެއެވެ.
މީގެ އިތުރުން މި ކެންޕެއިނުގެ އެންމެ ހާއްސަ ކަމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ ރިޒޯޓް، ހޮޓެލް، ގެސްޓްހައުސް، ލިވަބޯޑުތަކުގައި ފަތުރުވެރިންނަށް ލިބެން ހުރި ފުރުސަތުތަކާއި، ތަފާތު ތަޖުރިބާތައް މި ކެންޕެއިންގެ ޒަރިއްޔާއިން އިޝްތިހާރު ކުރެވިގެން ދިއުމެވެ. އެގޮތުން 15،000 ލަގްޒަރީ ޓްރެވަލް އެޑްވައިޒަރުންނާ ރާއްޖޭގެ މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށް އެކުންފުނިން މައުލޫމާތު ދީފައިވެއެވެ.
މިއީ އެމެރިކާގެ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ވިޒިޓް މޯލްޑިވްސްއިން ގެންގުޅޭ ސްޓްރެޓަޖީގެ ދަށުން ބައިވެރިވެފައިވާ ހަރަކާތެކެވެ. އަދި މިހަރަކާތުގެ ސަބަބުން އެމެރިކާ އަދި ދުނިޔޭގައި ޑައިވިން އަދި މޫދު ކުޅިވަރުގެ އެކި ހަރަކާތްތަކަށް ދަތުރުކުރާ ފަރާތްތަކުގެ މެދުގައި ރާއްޖޭގެ މަޤުބޫލުކަން އިތުރު ކުރެވިގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށް އެފަރާތުން މައުލޫމާތު ދީފައިވެއެވެ.
އެގޮތުން ފާއިތުވި އަހަރު އެމެރިކާ މާކެޓްއިން 54,745 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައި ވާއިރު މިއަހަރުގެ ޖެނުއަރީ މަހުގެ ނިޔަލަށްވެސް 5,028 ފަތުރުވެރިންވަނީ އެމާކެޓްއިން ރާއްޖެއަށް ޒިޔާރަތް ކޮށްފައެވެ. އެހެންކަމުން މިމާކެޓް ވެފައިވަނީ 5 ވަނައަށް އެންމެ ގިނައިން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވާ މާކެޓަށެވެ.
މިކެންޕެއިނުގައި ރާއްޖޭގެ މަޤުބޫލުކަން ދަމަހައްޓާ، މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ ގޮތުން ޑެސްޓިނޭޝަން ޓްރެއިނިންގްތަކާއި, ވެބިނާތަކާއި, ފެމިލިއަރައިޒޭޝަން ޓްރިޕްތައް އަދި ރޯޑްޝޯތައް ހިމެނޭހެން ހަރަކާތްތަކެއް ހިންގުމަށް ރާވާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން ވަނީ ބުނެފައެވެ.
އައިޑީ ޓްރެވަލް ގްއައިޑީ ޓްރެވަލްއިން އެކުންފުނީގެ ޕާޓްނަރުންނާއެކު އެޑްވަޓައިޒިން ކެންޕެއިންތަށް ހިންގުމުގައި އަހަރަކު 250،000 ޑޮލަރު އިންވެސްޓް ކުރާ ކުންފުންޏެކެވެ. އަދި މިކެންޕެއިންއިންތަށް 750،000 ކަސްޓަމަރުންނާ ހަމައަށް ފޯރާއިރު، އައިޑީ ޓްރެވަލްގެ ޑާޓާބޭސް މެދުވެރިކޮށް 11،700 އަށް ވުރެ ގިނަ ޓްރެވަލް އެޑްވައިޒަރުންނަށް އެކުންފުނީގެ އެޑްކެންޕެއިންތައް ފޯރައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!