"ޓެކާސް މައިލޯ ޗެމްޕިއަންޝިޕް މޯލްޑިވްސް ކަޕް" ގެ އުތުރުގެ ޗެމްޕިއަންކަން ހދ. ކުޅުދުއްފުށި ސިޓީ ހޯދައިފިއެވެ.
އުތުރުގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދީ ޕެނަލްޓީ ޖަހައިގެން 11-10 ގެ ނަތީޖާއިން ރ. ދުވާފަރު ބަލި ކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ދެގޯލްވެސް ޖަހާފައިވަނީ ދުވާފަރު ޓީމުންނެވެ. ދެ ލަނޑުގެ ލީޑުގައި ދުވާފަރަށް ހިފާއްޓާލެވުނީ ކުޑަ ވަގުތު ކޮޅަކަށެވެ. ކުޅުދުއްފުށީ ޓީމްގެ އަހްމަދު ދާއޫދު (ޑޭވިޑް) ދުރުން ފޮނުވާލި ބާރުހަމަލާ ގޯލް ތެރެއަށް ވައްދާލައިގެން މެޗުގެ ނަތީޖާ ފަރަގު ކުޑަކުރިއެވެ. ފުރަތަމަ ހާފް ނިމުނީ 2-1 ގެ ނަތީޖާއިން ދުވާފަރު ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފްގައި ކުޅުދުއްފުށި ޓީމުން ކުރިޔަށްޖެހި ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. ކުޅުދުއްފުށި ޓީމް ގެ ދެވަނަ ގޯލް ވެސް ޖަހާފައިވަނީ ދުރުން ފޮނުވާލި ހަމަލާއަކުންނެވެ. ފޯރިގަދަ މި ފައިނަލް ގައި ދެވަނަ ފަހަރަށްވެސް ލީޑު ނަގާފައިވަނީ ދުވާފަރުންނެވެ.
ލީޑުގައި ދުވާފަރު ޓީމަށް ހިފާއްޓާލެވުނީ 3 މިނިޓެވެ. ކުޅުދުއްފުށި ޓީމުން ދެވަނަ ފަހަރަށް ނަތީޖާ ހަމަ ހަމަ ކުރިއެވެ. މެޗުގެ ފުރިހަމަ ވަގުތު 3-3 ގެ ނަތީޖާއިން ދެޓީމް އެއްވަރު ވުމުން ނަތީޖާ ނެރެން ވަނީ ޕެނަލްޓީޖަހާފައެވެ.
ޕެނަލްޓީގައި ދެފަހަރަށް މެޗުން މޮޅުވުމުގެ ފުރުސަތު ދުވާފަރަށް ލިބިގެން ދިއައެވެ. އެ ދެފަހަރު ވެސް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެެއްނުވެއެވެ. ކުޅުދުއްފުށި ޓީމުން 8 ޕެނަލްޓީ ކާމިޔާބު ކުރިއިރު ދުވާފަރު ޓީމަށް ކާމިޔާބު ކުރެވުނީ 7 ޕެނަލްޓީއެވެ.
ޖުމްލަ 22 ޕެނަލްޓީ ފެނިގެން ދިޔަ މި މެޗުގެ މޮޅުކުޅުންތެރިޔަކަށް ހޮވުނީ ކުޅުދުއްފުށި ޓީމުގެ ހުނަރުވެރި ކީޕަރު މާހީ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!