ހއ. އުތީމު ގަނޑުވަރު މިއަދުން ފެށިގެން ވަގުތީ ގޮތުން ބަންދުކުރުމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ނިންމައިފިއެވެ.

އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައި މިވަނީ އެރަށުަގއި ކޯވިޑް-19 ގެ ގިނަ ކޭސްތަކެއް މިދުވަސްކޮޅު ފެންނަމުން ދާތީ އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، އެރަށުގެ ޓާސްކްފޯސްއިން ކައުންސިލަށް އެގޮތަށް ލަފާ ދެއްވާފައިވާތީއެވެ.

Ad
rt

އުތީމު ގަނޑުވަރު ވަގުތީ ގޮތުން ބަންދުކުރުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުގެ ފަރާތުން ވަނީ މައާފަށް އެދިފައެވެ. އަދި ރަށުގެ ކޯވިޑްގެ ހާލަތަށް ބެލުމަށްފަހު ގަނޑުވަރު އަލުން ހުޅުވާނެ ތާރީޚެއް އެމަރުކަޒުން އަންގާނެ ކަމަށްވެސް ބުނެފައިވެއެވެ.

ކޯވިޑްގެ ހާލަތާއި ގުޅިގެން އެންމެ ފަހުން އެގަނޑުވަރު ބަންދުކުރުމަށްފަހު ހުޅުވާލާފައިވަނީ މިދިޔަ ފެބުރުއަރީ މަހުގެ 27 ވަނަ ދުވަހުއެވެ. ބަންދުކޮށްފައިވަނީ ޖެނުއަރީ މަހުގެ 19 ވަނަ ދުވަހުއެވެ.

އުތީމުގައި ކޯވިޑް ފެތުރެމުންދާއިރު މިވަގުތުވެސް އެރަށުގެ 57 ގެއެއް ވަނީ ކަރަންޓީންއަށް ލެވިފައެވެ.

އެރަށުގެ ކޯވިޑްގެ ހާލަތު ގޯސްވަމުންދާތީ އެރަށުގެ ސިއްޚީ މަރުކަޒުންވެސް ވަނީ އަމިއްލަ ސަލާމަތާއި އެހެން މީހުންގެ ސަލާމަތަށްޓަކައި އެޗް.ޕީ.އޭ ގެ ގަވާއިދާއި އެއްގޮތަށް އަމަލު ކުރުމަށް ރައްޔިތުންނަށް އިލްތިމާސް ކޮށްފައެވެ.

އުތީމު ގަނޑުވަރަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން މީހުން އެގަނޑުވަރު ދެކިލުމަށް ދަތުރުކުރާ ތަނެކެވެ. ޚާއްޞަކޮށް ކޮންމެ އަހަރެއްގެ ސްކޫލް ބަންދުތަކުގައި އަދި ޢީދު ބަންދުފަދަ ބަންދުތަކުގައި އެ މަޒުކަޒު ބަލަން ގިނަ ޢަދަދެއްގެ މީހުން ޒިޔާރަތް ކުރެއެވެ.

އުތީމު ގަނޑުވަރަކީ، 1573މ. ގައި ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ރާއްޖެ ސަލާމަތްކުރެއްވި ޤައުމީ ބަޠަލު، ތިލަދުންމަތީ އުތީމު އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް އެރަށުގައި ދިރިއުޅުއްވި ގަނޑުވަރެވެ.