ހދ.ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން އެ ރަށު ސްކޫލުގެ އިންކުލޫސިވް ޑިޕާޓްމަންޓަށް ބޭނުންވާ ބައެއް ސާމާނު ހަދިޔާކޮށްފިއެވެ.

އެ ކޮމެޓީން 02 މާޗް 2022 ވީ ބުދަ ދުވަހު ހަދިޔާކޮށްފައިވާ ސާމާނުގެ ތެރޭގައި ހިމެނެނީ ފަހާފޮށްޓާއި، ފެހުމަށް ބޭނުންވާ އިތުރު ސާމާނެވެ.

Ad
rt

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާ ނަޒްމީނާ އަހްމަދު ވިދާޅުވެފައި ވަނީ ނޮޅިވަރަންފަރު ސްކޫލުގެ ސެން ކުލާހަށް ފަހާފޮށީގެ އިތުރުން ފެހުމަށް ބޭނުންކުރެވޭނެ ސާމާނު ހަދިޔާ ކުރުމުގެ އެންމެ ބޮޑު މަޤުޞަދަކީ އެ ސްކޫލުގެ ތަޢުލީމް ފުރިހަމަކޮށް މުޖުތަމަޢަށް ނުކުންނަ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސްކޫލު ނިމޭއިރު އާމްދަނީއެއް ހޯދިދާނެ ފަދަ މަސައްކަތެއް ދަސްކޮށްދިނުމަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.

ނަޒްމީނާ އިތުރަށް ވިދާޅުވެފައި ވަނީ މި ތަކެތި ގަތުމަށް ޚަރަދު ކުރެވިފައި ވަނީ ޓެކާސް ފުޓްސަލް މުބާރާތުގެ ހދ.އަތޮޅު ބުރު އެ ރަށުގައި ކުރިއަށް ދިޔަ ދުވަސްތަކުގައި އެތަނުގައި، އެ ކޮމެޓީގެ ފަރާތުން ހިންގި ކެންޓީނުން ލިބުނު ފައިދާއިން ކަމަށެވެ.

ނޮޅިވަރަންފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ނޮޅިވަރަންފަރު ސްކޫލަށް ވެދެއްވި އެހީތެރިކަން ފާހަގަކޮށް އެ ސްކޫލުގެ ފޭސްބުކް ޕޭޖުގައި ލިޔެފައިވާ ޕޯސްޓްގައި ވަނީ "ނޮޅިވަރަންފަރު އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީން ނޮޅިވަރަންފަރު ސްކޫލްގެ އިންކުލޫސިވް ޑިޕާޓްމަންޓަށް ފަހާފޮށި އަދި ފެހުމަށް ބޭނުންކުރާ ތަކެތި ހަދިޔާ ކޮށްދެއްވީތީ ރަށުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައީސާއަށާއި ހީވާގި މެމްބަރުންނަށް ވަރަށް ބޮޑަށް ޝުކުރުދަންނަވާކަމަށެވެ."