ހދ. ކުޅުދުއްފުށީ ހިރަފުސް ފުޓްބޯޅަ ޓީމުގެ ފަރާތުން އިންތިޒާމް ކޮށްގެން އެ ރަށުގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އިންޓަ އޮފީސް ފުޓްސަލް ޗެލެންޖާއި، ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިންޓަ އޮފީސް ފުޓްސަލް ޗެލްނެޖް މި މަހުގެ 10 ވަނަ ދުވަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމަށް ހަމަޖެހިފައި ވަނީ ކުޅުދުއްފުށީގައި ހުންނަ މުއައްސަސާތަކަށާއި ކުންފުނިތަކަށެވެ.

Ad
rt

މި މުބާރާތް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ ކުޅުދުއްފުށީގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި އެއްބަޔަކު އަނެއްބަޔަކާއި އޮންނެ އެކުވެރިކަން އިތުރަށް އާލާކުރުމާއި، ކުޅިވަރުގެ ރޫހާއި އެއްގޮތަށް އެ ރަށުގައި ފުޓްސަލް ކުރިއެރުވުމެވެ. އަދި ކުޅުދުއްފުށީގެ މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންނަށް މުބާރާތްތަކުގައި ކުޅުމުގެ ފުރުޞަތު ހޯދައި ދިނުމުގެ އިތުރުން މުއައްސަސާތަކާއި ކުންފުނިތަކުގެ މުވައްޒަފުންގެ ޓީމް ވޯކް ކުޅިވަރުގެ ތެރެއިން ރަނގަޅު ކޮށްދިނުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކުޅިވަރުގެ ތެރެއިން މުއައްސަސާތަކާއި ކުންފުނިތަކުގެ ގުޅުން ބަދަހި ކުރުމެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ މުއައްސަސާތަކާއި ކުންފުނިތަކުން 06 މާޗް 2022 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ކުޅުދުއްފުށީ "ސޭމް ސްޕޯޓްސް" ފިހާރައަށް ފޯމް ހުށަހެޅުއްވުމަށް ހިރަފުސްގެ ފަރާތުން ވަނީ އެދިލައްވާފައެވެ. މުބާރާތުގައި ޓީމް ބައިވެރި ކުރުމަށް ބޭނުންވާ ފޯމް ދޫކުރުމާއި ބަލައިގަތުން ސޭމް ސްޕޯޓްސް ފިހާރައިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފޯމާއި ޤަވާއިދު ހިރަފުސް ފޭސްބުކް ޕޭޖުން ވެސް ލިބެން ހުންނާނެ ކަމުގައި އެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން 2000 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި ފީއާއި އެކުގައެވެ. މިއީ ހިރަފުސްގެ ފަރާތުން މި މުބާރާތް ބާއްވާ ދެވަނަ ފަހަރެވެ.

ހިރަފުސް ކަނބުލޮ ފުޓްސަލް ޗެލެންޖް

ހިރަފުސް ފުޓްބޯޅަ ޓީމްގެ ފަރާތުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ ވެސް 10 މާޗް 2022 ގައެވެ.

ހިރަފުސްގެ ފަރާތުން ހާމަކޮށްފައިވާ ގޮތުގައި އެ ރަށުގެ ކަނބަލުންނަށް ހާއްސަ ކޮށްގެން ފުޓްސަލް މުބާރާތެއް ކުރިއަށް ގެންދިޔުމުގެ މަޤުޞަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި އަންހެން ފުޓްސަލް ކުރިއަރުވައި، ފުޓްސަލް ކުޅެން ބޭނުންވާ އަންހެން ކުދިންނަށް އެ ފުރުޞަތު ހޯދައި ދިނުމާއި، ފުޓްސަލް ކުޅޭ އަންހެން ކުޅުންތެރިންގެ މެދުގައި އެއްބައިވަންތަކަން އުފެއްދުމާއި، އެއްބަޔަކު އަނެއް ބަޔަކާއި ބައްދަލުވެ އެކުވެރިކަން އާލާވުމާއި، އެ ރަށުގެ ޒުވާނުން ދުޅަހެޔޮ ބަޔަކަށް ހެދުމަށް ހިތްވަރު ދިނުމެވެ.

މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން 06 މާޗް 2022 ވަނަ ދުވަހުގެ ރޭ 22:00 ގެ ކުރިން، މުބާރާތުގައި ބައިވެރިވުމަށް ފުރަންޖެހޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު ކުޅުދުއްފުށީ "ސޭމް ސްޕޯޓްސް" ފިހާރައަށް ފޯމް ހުށަހެޅުއްވުމަށް ހިރަފުސްގެ ފަރާތުން ވަނީ އެދިލައްވާފައެވެ.

މުބާރާތުގައި ޓީމް ބައިވެރި ކުރުމަށް ބޭނުންވާ ފޯމް ދޫކުރުމާއި ބަލައިގަތުން ސޭމް ސްޕޯޓްސް ފިހާރައިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، ފޯމާއި ޤަވާއިދު ހިރަފުސް ފޭސްބުކް ޕޭޖުން ލިބެން ހުންނާނެ ކަމުގައި އެ ހިރަފުސްގެ ފަރާތުން ވަނީ ހާމަކޮށްފައެވެ.

މި މުބާރާތުގައި ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން 1500 ރުފިޔާގެ ފީއެއް ނެގުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމަށް ހުށަހަޅާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މި ފީއާއި އެކުގައެވެ. މިއީ ހިރަފުސްގެ ފަރާތުން މި މުބާރާތް ބާއްވާ ތިންވަނަ ފަހަރެވެ.