މާލެއިން ފުރައިގެން ހދ. ކުޅުދުއްފުށި ސިޓީއަށް ދަތުރުކުރި ބޯޓަކުން، މަސްތުވާތަކެތި ގެންދިޔަ ޒުވާނަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ، މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހދ. ކުޅުދުއްފުށި ސިޓީގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގައި ހިންގި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދާ ބޯޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމަށް ފުލުހުން ބުނެފައިވެއެވެ.

ފެބްރުއަރީ 27 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކުޅުދުއްފުށީ ސިޓީ ބަނދަރު ސަރަހައްދުން އޭނާ ހުއްޓުވައި ބަލައި ފާސްކުރިއިރު އޭނާ ގެންގުޅުނު ކޮތަޅެއް ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ފުލުހުން ހާމައެއް ނުކުރެއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކުޅުދުއްފުއްޓަށް ނިސްބަތްވާ ޒުވާނެއް ނޫނެވެ.