ހއ. ކެލާއިން ދޫކުރުމަށް ހަމަޖެހިފައިވާ 33 ބަންޑާރަ ގޯއްދަށް އެދުނު ފަރާތްތަކުގެ ނަންތައް އާއްމުކޮށްފިއެވެ.
ކެލާ ކައުންސިލުން މިއަދު ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެކައުންސިލުން އާއްމުކޮށްފައިވާ ނަންތަކުގެ ލިސްޓާއި ގުޅިގެން އެއްވެސް ޝަކުވާއެއް ވާނަމަ 08 މާރޗް 2022 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން އެއިދާރާއަށް ހުށައެޅުމަށެވެ.
އެރަށުން ބަންޑާރަ ގޯތި ދޫކުރުމަށް ހުޅުވާލި 33 ފުރުޞަތަށް އެދި ޖުމްލަ 262 ފަރާތަކުން ވަނީ ފޯމް ހުށައަޅާފައެވެ.
ކެލާ އިން ބަންޑާރަ ގޯތި ދޫކުރަން ނިންމައި، ޝަރުތު ހަމަވާ ފަރާތްތަކަށް ފޯމް ހުށައެޅުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުގެ 25 ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ އިއުލާނު ބާތިލްކޮށް މިދިޔަ އަހަރުގެ ޑިސެމްބަރ މަހުގެ 8 ވަނަ ދުވަހު ވަނީ އެފުރުސަތު އަލުން ހުޅުވާލާފައެވެ.
މީގެ އިތުރުން ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ޝަރުތު ފުރިހަމަވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކުގެ ތަރުތީބުން ކަމަށް ކަނޑައަޅާފައިވާއިރު، އަދި ދެފަރާތެއް ނުވަތަ އެއްއަވުރެ ގިނަ ފަރާތްތަކުގެ މާކްސް އެއްވަރުވެއްޖެނަމަ ދެން ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ އެފަރާތްތަކުގެ މެދުގައި ގުރުއަތުލައިގެން ކަމަށް ވެސް ވަނީ ކަނޑައަޅާފައެވެ.
ކެލާ އިން ގޯތި ދޫކުރުމުގައި ބަލާނީ އެއްފަރާތަކަށް ދެގޯތި ނުލިބޭނެ އުޞޫލުން ގޯތި ދޫކުރުމަށް ކަމަށާއި، އަދި ގޯތި ދޫކުރުމުގައި ޢަމަލުކުރާނީ ކެލާ ކައުންސިލް އިދާރާއިން އާންމުކޮށްފައިވާ "ހއ. ކެލާއިން މީގެކުރިން ދޫކޮށްފައިވާ ބަންޑާރަ ގޯތިތަކުގެ ތެރެއިން ގޯތި ލިބުނު ފަރާތްތަކުން ދޫކޮށްލައިފައިވާ ގޯތިތައް ދިރިއުޅުމަށްޓަކައި އަލުން ދޫކުރުމާއިބެހޭ އުޞޫލު"އާއި އެއްގޮތަށް ކަމަށް ކެލާ ކައުންސިލްއިން ނެރެފައިވާ ޢިއުލާންގައި ވިދާޅުވެފަވެއެވެ.
ގޯތި ލިބޭނީ މަދުވެގެން 50 ޕޮއިންޓް ލިބޭ ފަރާތްތަކަށް ކަމަށް ވެސް ކެލާ ކައުންސިލުން ވަނީ ކަނޑައަޅާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!